މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ދީ ސަރުކާރުން ނިންމާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކިރި މަހަށް ފައިސާ ނުލިބިގެން ކޫއްޑޫގައި މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖާއި ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިން ކިރި މަހަށް ފައިސާ ނުދޭ މައްސަލައިގައި ގއ. ކޫއްޑުގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ދަތުރުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންތައް ކަމަށެވެ.
ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤު ހޯދަން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށާއި ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޔެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުންވެސްމެ. ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަންކުރާ…
— Ahmed Shiyam (@Shiyamaldives) February 18, 2024
"މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯ އަށް ކިރާ މަހަށް ހަފްތާއެއް ތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެ ފައިސާ މިފްކޯއިން ހަމަޖައްސާނެ ކަމުގައި ވެސް ދަންނަވަން،" ޝިޔާމް ވިދާޅުވިއެވެ.
މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.