ހައްޖުގެ އަޅުކަމުގައި ތިބި ދިވެހިން / ސޯޝަލް މީޑިއާ
ހަބަރު
އާންމުން ދެއްކި ހައްޖު ފައިސާއިން މުއިއްޒުގެ ހިލޭ ހައްޖު ވައުދު ފުއްދަނީ..!؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 މޭ 2025
މާލެ ސިޓީ

1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ދިވެހި ރާއްޖޭން ހައްޖަށް މިއަހަރު ދާ މީހުން, ސައުދީގައި ހޭދަ ކުރާ މުއްދަތު އެހެން އަހަރުތަކަށް ވުރެން 15 ދުވަސް މަދުކޮށް 30 ދުވަހު ސައުދީގައި ހޭދަކުރެވޭ ގޮތަށް ހައްޖުވެރިން ދެއްކި ފައިސާ އަށް ސަރުކާރުން އިހުމާލުވެ އެ ފައިސާ އިން "މުއިއްޒުގެ ހިލޭ ހައްޖު ވައުދު" ފުއްދަން ރާވާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.

ހައްޖަށް ދާން ފައިސާ ދައްކާފައި ތިބި ބައެއް މީހުން އަންނަނީ، މިއަހަރު ހައްޖުގައި ހޭދަވާ މުއްދަތު ކުރުކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއްމު ގޮތެއްގައި ހައްޖު ދަތުރެއްގައި 30 ދުވަސް ސައުދީގައި ހައްޖާޖީން ހޭދަކުރެ އެވެ.

އަދި ހައްޖުގެ އަޅުކަމުގައި މަހެއްހާ ދުވަސް ހޭދަކުރާއިރު، ސަރުކާރުން ހަވާލުގައި މީހުން ހައްޖަށް ގެންދަނީ 69،965 ރުފިޔާ ކޮންމެ ހާޖީއަކު އަތުން ނަގައިގެންނެވެ.

މި 69،965 ރުފިޔާ އަކީ 30 ދުވަހުގެ ހުރުމާއި ކެއުމަށް އަދި އެނޫން ވެސް ބޭނުމަށް ހޭދަވާ ފައިސާ ނަމަވެސް ހައްޖުވެރިން 15 ދުވަސް ސައުދީގައި ބައިތިއްބާނަމަ އެކަމަށް ހޭދަވާނީ 69،965 ރުފިޔާގެ ދެ ބައިކޮޅު އެއްބައި ކަމަށް ބެލެވެ އެވެ.

އެހެން ކަމުން ހައްޖުވެރިން ސަރުކާރަށް ދެއްކި ފައިސާއިން ބާކީވާ 34982 ރުފިޔާ ސަރުކާރުން އެ ބޭނުން ކުރަނީ "މުއިއްޒުގެ ހިލޭ ހައްޖު ވައުދު" ފުއްދަން ތޯ ގިނަ ރައްޔިތުން އަންނަނީ ސުވާލު ކުރަމުން ނެވެ.

މި ފަހަރު ހައްޖަށްދާ މީހަކު "ތޭރަ އޮންލައިން" އަށް ބުނި ގޮތުގައި ހައްޖު ކޯޕަރޭޝަނުން މިފަހަރު ހައްޖަށް މީހުން ގެންދަނީ 30 ދުވަހުގެ ބަދަލުގައި 15 ދުވަހަށް ކަމަށް އެމީހުންނަށް އަންގައިފަވާ ކަމަށް އޭނާ ބުންނެވެ.

"ހައްޖަށް ދާން 69،985ރ. މި އަހަރު ދެއްކިން. ފައިސާ ދެއްކީ 30 ދުވަހަށް ސައުދީ ގައި ހޭދަކުރާނެ ކަމަށް ބުނެ އެކަމަކު މިހާރު ކޯޕަރޭޝަނުން ބުނަނީ ސައުދީގައި ހޭދަ ވާނީ އެންމެ 15 ދުވަސް ކަމަށް. މި ވަނީ ކިހިނެތް، 30 ދުވަހަށް ދެއްކި ފައިސާ 15 ދުވަހަށް ކުޑަ ވާނަމަ ބާކީ ފައިސާ އަށް ވާނީ ކިނިހެތް؟

- ހައްޖަށް ދާން ފައިސާ ދެއްކި މީހަކު ސުވާލުކުރި އެވެ.

ދިވެހި ހައްޖުވެރިން ސައުދީގައި ހޭދަ ކުރާ މުއްދަތު ކުރުވާ ސަބަބު ސާފު ކުރުމަށް, ހައްޖު ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބެއް ނުދެ އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު 50 ފަގީރުން ހައްޖަށް ގެންދަން ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި މިއަހަރު ހައްޖަށް ގެންދާ 50 ފަގީރުން ވެސް މިހާރު ވަނީ ގުރުއަތުން ހޮވައިފަ އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި، ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved