theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ / ރައްޔިތުންގެ މަޖިލިސް
ހަބަރު
ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީން ބެލީ ގާނޫނާ ހިލާފަށް: ފިލްޒާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ޖޭއެސްސީން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި، ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ މައްސަލަ ތަހުގީގުކުރިއިރު ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ފިލްޒާ އެ ކޮމިޓީއަށް ފޮނުއްވި ލަފާގައި ވިދާޅުވީ މައްސަލަ ބަލަން ނިންމުމުގައި ގާނޫނު ބުނާ އިޖުރާއަތުތައް ޖޭއެސްސީން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

ފިލްޒާގެ ލަފައާމެދު ގޮތެއް ނިންމުމަށް އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ ކައުންސެލް ޖެނެރަލްގެ ލަފާ އެހެން އޮތް ނަމަވެސް، ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް އޭނާގެ ލަފާ ރިޕޯޓުގައި ހިމެނުމަށް ފަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ރިޕޯޓު ތަޅުމަށް ފޮނުވުމަށެވެ.

ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކޮށް، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފު ވެފައިވާ ކަމަށެވެ.

.. އަދި ގާނޫނުގައި ވަކި ކަމަކަށް ވަކި އިޖުރާއަތެއް ކަނޑައަޅާފައިވަނިކޮށް، އެ އިޖުރާއަތަށް އަމަލު ނުކުރުމަކީ ކޮމިޝަނަށް ލިބިގެންވާ އިހްތިޔާރެއް ނޫން،

- ފިލްޒާ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާ މެދު މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ޖުމްލަ ދެ ގަޑިއިރު ބަހުސްކުރަން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

އެ މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ލޯ އޭޝިއާ)އާއި ނޭޕާލުގެ ބާ އެސޯސިއޭޝަނުން އަދި އދ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. ބޭރުގެ އެސޯސިއޭޝަންތަކުން ވަނީ، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިނުކުރަން ގޮވާލައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved