މަހާޒް ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި: އެ ކޯޓުގައި މަސައްކަތް ކުރެއްވީ ނުފޫޒެއްގައި ނުޖެހި ކަމަށް އޭނާ ވިދާޅުވި / ފޭސްބުކް
ހަބަރު
ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި ނުފޫޒަކަށް ބޯ ނުލަބަން: މަހާޒް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ކޯޓުގެ ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނޯންނާނެ ކަމަށް ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކި ކުރި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ބަލަމުން ދަނިކޮށް, ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ އދ. ހިމެނޭ ގޮތަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދީ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރިތާ ކުޑައިރު ކޮޅެއް ފަހުން މަހާޒު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައިވާގޮތުގައި ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު އޭނާ ހިތްހަމަޖެހެއެވެ. ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށް ވެސް ވިދާޅުވި އެވެ.

މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް, އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މަހާޒަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2007 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯސް ޑިގްރީ ހާސިލު ކުރައްވާފަ އެވެ. އެއަށްފަހު، ވަނީ 2010 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް ކޮމްޕަރެޓިވް ލޯސް ޑިގްރީ ހާސިލު ކުރައްވާފަ އެވެ. ގާނޫނީ ދާއިރާއިން ދައުލަތުގެ އިސް މަގާމުތަކެއް ވެސް އޭނާ ފުރުއްވާފައިވެ އެވެ.

ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހާ ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން

- މަހާޒް

އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ފާސްކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ކުއްލި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ.

ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އެހެންކަމުން މި ވަގުތުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުން އެ ދެ ބޭފުޅުން ވަނީ ވަކިވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved