ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރާލްދާ / ސްކްރީން އިމޭޖް
ހަބަރު, ސިޔާސީ
ޕީއެންސީ މެންބަރުން މަސައްކަތްކުރީ ކުދި ސޯބުތަކެއްހެން: އަޒްމިރަލްދާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވީ އަޅުވެތިވެފައިވާ ކުދި ސޯބުތަކެއް ފަދައިން ކަމަށް ފަނޑިޔާރު ކަމުން ވަކިކުރައްވާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރި މައްސަލައަށް، އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި، ޖޭއެސްސީން އެދިފައިވާ ގޮތަށް އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން މިއަދު ފާސްކުރީ، އެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު އދ. ހިމެނޭހެން ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުންނާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ގޮވާލާފައި ވަނިކޮށެވެ.

މަޖިލީހުގެ ވޯޓަށްފަހު އަޒްމިރަލްދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރު ކަމުން އޭނާ ވަކިކުރެއްވުމަށް މަޖިލީހުގެ މެންބަރުން ވޯޓު ދެއްވިއިރު އޭނާ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެކަން މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން [އަޅުގަނޑު ވަކިކުރީ]،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން [އަޅުގަނޑު ވަކިކުރީ]،

- އަޒްމިރަލްދާ

އަޒްމިރަލްދާ ވިދާޅުވީ އޭނާއާ ދެކޮޅަށް ހިނގަމުން ދިޔަ ކަންކަމުގެ ހަގީގަތްތައް ހާމަކޮށްދިނުމަށް ކަމާ ގުޅޭ ބޭފުޅުންނަށާއި އިދާރާތަކަށް ހުށަހެޅުއްވި ކޮންމެ ކަމެއް އަކުރުން އަކުރަށް ހެއްކާ އެކު ސާބިތުކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް އިންސާފުވެރިކަމާ އެކު ބަލާނެ އިދާރާއެއް ނެތް ކަމަށްވެސް ސިފަކުރެއްވި އެވެ.

ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. ލުއި ގޮތަކަށް އަތުން ފޮޅާލެވޭ ވަރު ކަމެއް ނޫނެވެ. އަޅުގަނޑު އުންމީދު ކުރަނީ މިގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވޭނެ ކަމަށެވެ،

- އަޒްމިރަލްދާ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާުރެއްގެ މައްސަލަ ކުއްލި ގޮތަކަށް ޖޭއެސްސީ އިން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީގައި ހިމެނި އިތުރު ޝަރުތުތަކެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.

ދެ ފަނޑިޔާރުން ވަކިކުރި މައްސަލަ ކުރިއަށް ގެންދިޔަ ގޮތާމެދު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved