

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު ފަހު 03:45 އިން ފެށިގެން މެންދަމުން އަލިވެ 12:30 އާ ހަމައަށެވެ.
މެޓުން ހާމަކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓްް އިން ހާމަކޮށްފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށް މެޓުން ލަފާކުރެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެސް ވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.