

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު, ބަންދުން ދޫކޮށްލަން އެދި އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ.
ގ. އެރިޔަދޫ، ރައުދު، 21، ފަސް ދުވަހަށް ބަންދު ކުރަން މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. ރައުދުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރީ މިދިޔަ ބުރާސްފަތި ދުވަހު އިތުރު 20 ދުވަހަށް ބަންދު ދެމެހެއްޓި އަމުރު ވެސް އިސްތިއުނާފް ކުރާނެ ކަން ހާމަކޮށްފައިވެސް ވަނިކޮށެވެ.
ބަންދުން ދޫކޮށްލަން އެދި ރައުދު ހައި ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މިހާރު އެ ކޯޓުން ވަނީ ބަލައިގެންފައެވެ. ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި މިހާރު އެ މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އިސްތިއުނާފުގެ އަޑު އެހުންތައް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.
ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެއެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.
ރައުދަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެއެވެ.
ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެއެވެ.
ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.