March 19, 2026
Advertisement
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ރާއްޖޭގެ ސަރުކާރަށް ވަނީ ގޮވާލާފައި
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ރާއްޖޭގެ ސަރުކާރަށް ވަނީ ގޮވާލާފައި / ސޯޝަލް މީޑިއާ

ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ރާއްޖެއަށް ގޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
May 20, 2025, 02:45 AM
މާލެ ސިޓީ

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަން ޝަރުއީ ނިޒާމެއް ދަމަހައްޓައި ހިމާޔަތް ކުރުމަށް ރާއްޖޭގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެގޮތުން ފަނޑިޔާރުންގެ މައްޗަށް ތަހުގީގުތައް ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ދަނީ އެކި ފަރާތްތަކުން ފާޅުކުރަމުން ކަމަށާ މިކަން ހިނގާފައި ވަނީ ސިޔާސީ ޕާޓީތައް ބަދަލުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް ކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ. ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކުއްލި ގޮތަކަށް ބަދަލުވުމާއި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރި ދުވަސްކޮޅު ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އިއްތިފާގެއް ކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުމަށް އިޝާރާތްކޮށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ބަޔާނުގައި ވަނީ، އެ އޮފީހަށް އެއީ އިއްތިފާގެއް ޖަމަށް ބަލައިގަނެވޭނެ ޖާގައެއް ނެތްކަން ސާފުވެފައެވެ.

އެގޮތުން ސަރުކާރުގެ އެކި ގޮފިތަކުގެ މެދުގައި ޗެކް އެންޑް ބެލެންސް، ހަރުދަނާ އަދި މިނިވަން ޖުޑީޝަރީއެއް ހިމެނޭހެން އޮތުމަކީ، ދައުލަތެއްގެ ހުރިހާ ގޮފިތަކުން ވެސް ގާނޫނުގެ ވެރިކަމަށް ބޯލެނބުމަށާއި، އިންސާނީ ހައްގުތައް ހަރުދަނާ ގޮތެއްގައި ހިމާޔަތް ކުރުމުގައި ވަރަށް މުހިންމު ކަމެއްކަން ެވސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވެސް ވަނީ މީގެކުރިން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved