

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަސް އަހަރަކީ އުފާ ފާގަތި ތިޔާގި ފަސް އަހަރުކަމަށް ސަރުކާރުގެ ބޭފުޅުން ވިދޅާުވަމުން ގެނދަވާތީ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މުލި އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވެރިން ރައީސް މުއިއްޒުގެ ސަރުކާރަކީ އުފާ ފާގަތި ތިޔާގި ފަސް އަހަރު ކަމަށް ވިދާޅުވާއިރު ރައްޔިތުން ތިބީ ނިކަމެތި ހާލުގައި ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާ ނުލިބި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އަގުތައް އުފުލި އަތް ނުފޯރާފަށަށް ގޮސްފައިވާކަން ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މީގެ ކުރިން މަޖިލިސް ނައިބު ރައީސް ވެސް ގައުމުގެ އިްގތިސޯދު އޮތް ހާލަތާ މެދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަ ހަނދާން ނެތް ކަމަށާ ގައުމުގައި ތިޔާގީ އެންމެ ކަމެއް ކަމަށާ އެއީ ވެރިންގެ ދޮގު ހެދުން ކަަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މި ފަސް އަހަރަކީ އުފާ ފާގަތި ފަސް ފަހަރު ކަމަށް ވިދާޅުވާ ބޭފުޅުންނަށް ރައްދު ދެއްވާފައެވެ.
އެމީހުން ކައިރީ މި ބުނަނީ މުއިއްޒުގެ ސަރުކާރުގެ ފަސް އަހަރަކީ އުފާ ފާގަތި ތިޔާގި އަމާން ފަސް އަހަރޭ. ބުނާއިރު އެ މީހުން މިތިބެނީ ނުކައި ނުބޮއި. ބޭސް ކޮޅެއް ނެތް. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަރާ މި ބުނަނީ މިއި ތިޔާގި ފަސް އަހަރޭ. އެކަމަކު މީނައެއް ނޫންތޯ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އިނދެގެން އެންމެ ފުރަތަމަ ބުނީ ސަރުކާރުގެ ރިކަރަންޓު ޚަރަދު ކުޑަނުކުރަންޏާ މިދަނީ ބަޖެޓު ވަރަށް ނުބައި ދިމާލަަކަށޭ. މިހާރު ހަނދާނެއް ނެތް. ކޮން ކަމެއް ތިޔާގިވެގެން މިއުޅެނީ. ދޮގު ހެދުން ފިޔަވާ އެހެން ކަމެއް ތިޔާގެއް ނުވޭ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެހެންކަމުން ނޫސްތައް ގަނެ ހެޑް ލައިން ހެދުމުގެ ބަދަލުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުން ބުއްދިވެރި ކަމަށެވެ.