ޣައްޒާގެ ބޯޑަރު ކައިރީގައި ސަހްޔޫނީންގެ އަސްކަރީ އުޅަނދުތައް / ރޮއިޓަރސް
ދުނިޔެ
ޔޫރަޕްގެ ކުޅިވަރު މުބާރާތްތަކުން ސަހްޔޫނީން ބާކީ ކުރުމަށް ސްޕެއިން އީޔޫއަށް ބާރު އަޅަނީ
Hussain Nawaf
ހުސައިން ނަވާފް
25 މޭ 2025

ފަލަސްތީނާއި ދެކޮޅަށް ކުރާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެން އިއުރަޕިއަން ޔޫނިއަންގެ ހުރިހާ ކުޅިވަރު މުބާރާތްތަކުން ސަހްޔޫނީން ބައިވެރި ނުކުރުމަށް އީޔޫ އަށް ސްޕެއިން އިން ބާރު އަޅަން ފަށައިފިއެވެ.

ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯ އިން ޝާއިއުކުރާ ރިޕޯޓެއްގައިވާ ގޮތުން ސްޕެއިންގެ މިނިސްޓަރު އޮފް އެޑިއުކޭޝަން، ވޮކޭޝަނަލް ޓްރޭނިން އެންޑް ސްޕޯޓްސް ޕިލާ އަލެގްރިއާ އިއުލާން ކުރެއްވީ އޭނާގެ ގައުމުން ޔޫރަޕިއަން ޔޫނިއަންއާ ގުޅިގެން ކޮންޓިނެންޓަލް އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން ސަހްޔޫނީން ހުރިހާ ކުޅިވަރަކުން ބާކީކުރުމާ ގުޅޭ މަޝްވަރާތައް ހުޅުވަން ތައްޔާރަށް އޮތް ކަމަށެވެ.

އުމުރުން 47 އަހަރުގެ ސްޕެއިންގެ ސޯޝަލިސްޓް ވޯކަރސް ޕާޓީއަށް ނިސްބަތްވާ އަލެގްރިއާ ވަނީ ސިޔާސީ އިދާރާތަކުގެ އިރުޝާދުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި ޕްރޮއެކްޓިވްކޮށް އަމަލު ކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އަށް ގޮވާލާފައެވެ.

އެގޮތުން ބައިނަލްއަގްވާމީ އަދި ޔޫރަޕްގެ ހުރިހާ ކުޅިވަރު ޖަމާއަތްތަކުން ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށާއި، އިންސާނީ ހައްގުތަކާ ހިލާފުވަމުން އަންނަ ސަހްޔޫނީންނާއި ދެކޮޅަށް ފިޔަވަޅު އެޅާނެކަމަށް އުއްމީދު ކުރާކަމަށް ސްޕެއިންގެ ކުޅިވަރު މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

މާޗް 18 ވަނަ ދުވަހު ސަހްޔޫނީ އަސްކަރިއްޔާއިން ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށި އިރު އެތައް ހާސް ފަލަސްތީނުންނެއް ޝަހީދުވެ އެތައް ބަޔަކުވަނީ ޒަހަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ޣައްޒާއަށް ދިން އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ 53،901 މީހުން ޝަހީދުވެފައިވާއިރު، ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved