ޝަމްއާންގެ މައްޗަށް ރައީސް މުއިއްޒުގެ ސަރުކާރުން ތިން ދައުވާއެއް އުފުލާފައިވޭ / ރައީސް އޮފިސް
ހަބަރު
ސަރުކާރު ގެންނަން ބުރަ މަސައްކަތްތަކެއް ކުރި ޝަމްއާން ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ފަދަ ދައުވާތަކެއް އުފުލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
25 މޭ 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ގެންނަން ގިނަ ހޭދަތަކެއްކޮށް ބުރަ މަސައްކަތްތަކެއް ކުރި އިމިގްރޭޝަންސްގެ ކުރިގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ފަދަ ދައުވާތަކެއް ރައީސް މުއިއްޒުގެ ސަރުކާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އުފުއްލަވައިފިއެވެ.

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުކޮށް ޝަމްއާން ހައްޔަރުކުރީ ފްރޭމުކޮށްގެން އާއިލާއިން ތުހުމަތުކުރެއެވެ. ޝަމްއާންގެ މައްޗަށް ރައީސް މުއިއްޒު ސަރުކާރުގެ ޕީޖީ ވަނީ ތިން ދައުވާއެއް އުފުލާފައެވެ.

އެގޮތުން ޝަމްއާންގެ މައްޗަށް އުފުލާފައިވާ ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. މަނީ ލޯންޑާކުރިކަން ސާބިތުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއްގެ އިތުރުން ފަސް އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ތިން ދައުވާ ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން ނުވަ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް ކޯޓުން ކުރާނެ އެވެ. މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރު ކަނޑައަޅައިފިނަމަ އޭނާގެ މައްޗަށް 19 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކުރާނެއެވެ.

ޝަމްއާންގެ އިތުރުން މި މައްސަލައިގައި އިމްގްރޭޝަންގެ ކުރިގެ އޮފިސަރުންތަކަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އެގޮތުން މި މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރު ކުރި ތ. ބުރުނީ މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއީލް އާއި ގ. ހެޕީ ސައިޑު ހަސަން ސެހެޝާން އަދި ހަމަ އެގޭ އިބްރާހިމް އަހުމަދު، އަދި މ. ހަޒާރީވިލާ އަހުމަދު ލައްސާން، 40، މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ.

އޭގެ ތެރެއިން އިބްރާހިމް އަހްމަދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

ލައްސާންގެ މައްޗަށް އުފުލީ ދެ ދައުވާ އެވެ. އޭއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މުހައްމަދު އަލްސަން އިސްމާއީލްގެ މައްޗަށް އުފުލީ ހަމައެކަނި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި، ހަސަން ސެހެޝާންގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެކަންޏެވެ.

މި އެންމެންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ހުށަހެޅީ މެއި މަހުގެ 12 ދުވަހުއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved