ފެލިދޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ / ޕީޕީއެމް
ހަބަރު, ސިޔާސީ
ބުނި ބަސް ؛ ވަހީދު އުޅުއްވީ ކުއްލިއަކަށް އައިސް ބާޒެއްހެން ޓިކެޓް ހޯއްދަވަން: އަބްދުއްރަހީމް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 މޭ 2025
މާލެ ސިޓީ

"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 19 އޮގަސްޓު 2023 ވަނަ ދުވަހު ޕީޕީއެމް-ޕީއެންސީ ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ /އަދުރޭ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަފުޅަކަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކޮށްގެން ހުންނެވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ކުޅުއްދުއްފުށީގައި ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގަ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ޕާޓީއާ ދުރުުގައި ހުންނެވުމަށް ފަހު، ވަހީދު ކުއްލިއަކަށް މަންޒަރަށް އައީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރެއްވުމާ އެކު، ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ލީޑާޝިޕް ބައްދަލުވުން ބޭއްވި ދުވަހު ކޮޅު ގޮނޑީގައި އިށީނދެވަޑައިގެންނެވީ. އަޅުގަނޑު ހައިރާންވި. ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ޑރ. ވަހީދަކީ،

- ވ. ފެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާފައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި 'ކޮންމެ މީހެއްގެ ވެސް ކޮންމެވެސް މިންވަރެއްގެ ލަދުހަޔާތެއް ހުންނަން ވާނެ' އެވެ. ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން ދެ ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުން އެހާ ނިކަމެތި ހާލަތުގައި ހިތާމަކޮށްކޮށް ތިބި އިރު، އެމަނިކުފާނު މިނިވަންކުރަން ވަހީދުގެ ފަރާތްޕުޅުން އެހީތެރިކަމެއް ނުލިބުނުކަން ތަކުރާރުކޮށް އޭނާ ފާހަގަކުރެއްވި އެވެ.

އެ ވިދާޅުވާ، ކަނެކްޝަންތައް [ވަހީދުގެ] ހުރިއިރު، ކީއްވެގެންތޯ އެ ކަނެކްޝަންތައް ބޭނުންކޮށްގެން ރައީސް ޔާމީން މިނިވަން ކުރަން މަސައްކަތް ނުކުރެއްވީ؟ ކޮން ތާކަށް ގޮއްސަތޯ އެ ވާހަކަ ދެއްކެވީ؟ ކުރީގެ ރައީސްގެ ހައިސިއްޔަތުން ކޮން ބަޔާނެއްތޯ ނެރުއްވީ؟ މިއިން އެއްވެސް ކަމެއް ނުކުރައްވާ ހުންނަވާފައި، ބަންކިޔާފައި އައިސް ބާޒެއްހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގެންފައި ޓިކެޓް ހޯދަން މިއައީ."

- އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ، ވަހީދަށް ރައްދެއް ދެއްވާކަށެއް ނޫނެވެ. ނަމަވެސް ރައްދު މި ދެއްވަނީ 'ތަންކޮޅެއް ލަދު ހަޔާތް ކުޑަކޮށް' ވަހީދު ވާހަކަފުޅު ދެއްކެވުމުން ކަމަށް ވިދާޅުވި އެވެ.

އަދި އަބްދުއްރަހީމް އެދުވަހު ވަނީ ރައީސް ޔާމީން ވިދާޅުވި "މިނިކާ ބާޒަ" ކީ ވަހީދު ގޮތުގައި ސިފަކުރައްވާފައި އެވެ.

ރައީސް މުއިއްޒު އަށް ފާޑު ވިދާޅުވެ ވަހީދު މީގެ ކުރިން ވާހަކަ ދެއްކެވި ނަމަވެސް އަދުރޭ އެ ވިދާޅުވާ "ބާޒު" އެޗެއްސީ ވެރިކަން ކުރާ ޕީއެންސީ ގައި އެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު ގޮތުގައި އެވެ. ރައީސް މުއިއްޒު ވަނީ ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމުގައި ފާހަގަކުރައްވައިފަ އެވެ.

ނަމަވެސް މިއަދު "ވަމުންދާގޮތް" ބައްލަވާށެވެ. މިއަދު އަދުރޭ އެދަނީ މުއިއްޒުގެ ސަފުން މަޑުމަޑުން ދުރުކުރަމުން ނެވެ. ފުރަތަމަ ދަރިފުޅު ފައިސަލް އެވެ. ދެން ފައިސަލް ބައްޕަ އަބްދުއްރަހީމް އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved