އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް ޝަހުލާ އިމާދު / ސޯޝަލް މީޑިއާ
ހަބަރު
ބެލެނިވެރިންނާ ޓިީޗަރުންގެ އެތައް ދުވަހެއްގެ ޝަކުވާއަށް ފަހު އުކުޅަހު ސްކޫލު ޕްރިންސިޕަލް ބަދަލުކުރަން ނިންމައިފި
Mariyam Isaadha
މަރިޔަމް އިސާދާ
28 މޭ 2025
މާލެ ސިޓީ

ސްކޫލުގެ ކަންކަމުގައި ޕްރިންސިޕަލްގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ނުރުހުންވެ ބެލެނިވެރިންނާ ޓިީޗަރުންގެ އެތައް ދުވަހެއްގެ ޝަކުވާއަށް ފަހު އެ ސްކޫލު ޕްރިންސިޕަލް ބަދަލުކުރަން ނިންމައިފިއެވެ.

އއ. އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް ޝަހުލާ އިމާދުއާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާއި ގުޅިގެން އެކަމުގެ ޝަކުވާއާ އެކު ބެލެނިވެރިން އަދި ޓިޗަރުންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ހަތަރު ފަހަރުގެ މަތިން ޕެޓިޝަން ހުށަހެޅި ނަމަވެސް އެކަމަށް މިނިސްޓްރީގެ ފަރާތުން އިޖާބައެއް ލިބިފައިވާ ނުވާކަމަށް އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާޓުން މީގެ ކުރިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން ސެކަންޑަރީ ލެވެލްގެ ދަރިވަރުން އޭނާގެ އޮފީހަށް ހާޒިރުކޮށް ބޭއަދަބީ އިބާރާތްތަކުން އެ ކުދިންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން މިސް ހިނގާފައި ދާއިރު ދަރިވަރުން މިސްގެ ވަކި ވަކި ގުނަވަންތައް ހާމަވާނެ ކަމަށާ އެ ގުނަވަންތަކުގައި އެ ދަރިވަރުން އަތްލާ ހިތްވާނެ ކަމަށް ބުނެ ދަރިވަރުންނާ ވާހަކަދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ޝަހުލާގެ ޕްރިންސިޕަލްކަމުގެ ދަށުގައި އުކުޅަސް ސްކޫލަށް ގެއްލުންވަމުންދާ ކަމަށް ބެލެނިވެރިން ވަނީ ސޯޝަލް މީޑިޔާގައިވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހެޔޮ އެދޭ ފަރާތްތަކުން ދަރިވަރުންނަށް ހަދިޔާކޮށްފައިވާ މުހިއްމު އެތައް ފޮތްތަކެއް ނުބެލެހެއްޓި ހަލާކުވެ ނެތިގެން ދާއިރުވެސް އެކަންކަމަށް ހައްލު ހޯދަން މަސައްކަތްކޮށްފައި ނުވާތީ ބެލެނިވެރިން އެ ޕޯސްޓުތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.


މީގެ އިތުރުން ޝަހުލާގެ ޕްރިންސިލްޕަލް ކަމުގެ ދަށުން އުކުޅަސް ސްކޫލު ހިންގަމުން ދަނިކޮށް އެ ރަށު ކައުންސިލުން އެ ރަށު ސްކޫލުތަކުގެ ކްލާސް ރޫމުތައް އޭސީ ކުރުމަށް ހަދިޔާކުރި އެއާކޮންޑިޝަންތައް ވެސް ކްލާސް ރޫމުތަކުގައި ހަރުކުރުމުގެ ބަދަލުގައި އޭނާގެ އަމިއްލަ ކެބިންގައާ ސްކޫލުގެ އެހެން ޑިޕާޓުމަންޓުތަކުގައި ހަރުކޮށްފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ގުޅިގެން ބެލެނިވެރިން ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ޝަހުލާގެ ފަރާތުންވެސް އަދި ސްކޫލުގެ ފަރާތުންވެސް ދީފައިނުވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ހަމަ އެހެންމެ ޝަހުލާއާ މެދު ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް މިކަން ސަމާލުކަން ގެނައުމަށް އެތައް ފަހަރަކު މަސައްކަތްކުރި ނަމަވެސް މިނިސްޓްރީގެ އެއްބާރުލުން މިކަމުގައި ނުލިބޭ ކަމަށް ބެލެނިވެރިޔާ މައުލޫމާތުދީފައިވެއެވެ.

އެގޮތުން ޝަހުލާއަކީ އޭނާގެ ބޭއަދަބީ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މީހަކަށްވެފައި އެއީ ދަރިވަރުންނަށް ނަމޫނާއަކަށް ހުންނަ ހެދި ބޮޑުވަމުން އަންނަ އެ ކުދިންގެ ދެވަނަ މަންމައެއްގެ ފަރާތުން ފެނިގެން ވާނެ ކަންކަން ނޫން ކަމަށްވާތީ އެކަންވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ކަމަށާ ނަމަވެސް އެކަމާ މެދު އޭނާ އާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ވެއެވެ.

ބެލެނިވެރިންގެ ފަރާތުން މިކަންކަން ހައްލުކުރަން މަސައްކަތްކުރުމުން ޝަހުލާގެ ފިރިމީހާ ވަނީ ބެލެނިވެރިންނަށް އިންޒާރުދީފައި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ސްކޫލެއްގެ ޕްރިންސިޕަލަކަށް ހުރި މީހަކާމެދު މި ފަދަ ބޮޑެތި ކަންބޮޑުވުން އެ ސްކޫލުގެ ބެލެނިވެރިންގެ ހުރުމުން އެކަމާ މެދު އެޑިއުކޭޝަންއިން އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ސާފުކޮށްލުމަށް އެޑިއުކޭޝަން މިނިސްޓަރަށް މީގެ ކުރިން މި ނޫހުގެ ފަރާތުން މެސެޖުކޮށްލުމުން ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ޝަހުލާއަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޝަރުތުވެސް ހަމަނުވަނީސް އުކުޅަހު ސްކޫލުގެ ޕްރިންސިޕަލަށް އައްޔަންކުރި މީހެކެވެ. އަދި ސްކޫލު ޕްރިންސިޕަލަށް އައްޔަންކުރި ކަމަށް އޭރުގެ ސަރުކާރުން ސްކޫލަށް އަންގާފައިވަނީ ވެސް ސްޓިކީ ނޯޓު ގަނޑުކޮޅެއްގައި ލިޔެފައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ޝަހުލާ އެ ގަނޑުކޮޅު ހިފައިގެން ދިޔައިރުވެސް އޭނާއަކީ ޕްރިންސިޕަލްގެ މަގާމަށް ޝަރުތު ހަމަނުވާ މީހަކަށްވުމުން އޭނާ ސްކޫލު ހިންގަމުން ދިޔައީ ޓީޗަރެއްގެ މަގާމުގައި ހުރެގެން ކަމާ އަދި އޭނާ ޕްރިންސިޕަލް ކަމަށް ޝަރުތު ހަމަވާން ބޭނުންވާ ސްޓްފިކެޓުތައް ހަމަވަންދެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އުކުޅަހު ސްކޫލުގެ ޕްރިންސިޕަލްކަމުގެ ޕޯސްޓު ހުހަށް ބާއްވާފައި އޮތްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން 2020 އިން ފެށިގެން 2022 އާ ހަމައަށް ޝަހުލާއަށް މާސްޓާސް ޑިގްރީ ލިބެންދެން އުކުޅަހު ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމު އޮތީ އޭނާއަށް ފެހި ކޯޓެއްގެ ގޮތުގައި ބާއްވާފައިކަމަށް ވެއެވެ.

އުކުޅަހު ސްކޫލުގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ އިސްވެރިންނާ ވެސް ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު އެކަމުގައިވެސް ކުރިއެރުމެއް ނުލިބުމުން އުކުޅަހުގެ ޕީއެންސީގެ ސްޓްއަރިން ކޮމިޓީގެ ރައީސަށް ވެސް އެ ބެލެނިވެރިން ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް އެއްވެސް ޖަވާބެއް އަދި ކުރިއެރުމެއް އޭރު ލިބިފައިނުވެއެވެ.

ސްކޫލުގެ ކަންކަން ނިންމުމުގައި ޢާއްމު ގޮތެއްގައި އެސްއެމްޓީއާ ސްކޫލުގެ ލީޑިން ޓީޗަރުންގެ އިތުރުން އެއްވެސް ޓީޗަރެއްގެ ވެސް ޚިޔާލާއި މަޝްވަރާ ނުހޯދާ ކަމަށާއި، ހަމައެކަނި ޝަހުލާއަށް އަދި އޭނާ ބޭނުންވާ ގޮތަށް ލަފާދޭ މަދު މީހަކަށް ފެންނަ ގޮތަކަށް ކަންކަން ނިންމުމާ، ކިޔަވައިދިނުމުގެ ކަންކަމުގައި އަދި ސްކޫލާއި ގުޅުން ހުރި އެހެނިހެން ކަންކަމުގައިވެސް މުވައްޒަފުންގެ މެދުގައި ޝަހުލާ ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުކުރުން ގެންގުޅުމާއި، ސްކޫލުގެ ޕްރިންސިޕަލުގެ ގޮތުގައި ހުރެމެ ޝަހުލާ އިސްވެ ސްކޫލުގައާއި އަދި ސްކޫލުން ބޭރުގައިވެސް ބައެއް މުވައްޒަފުން ބަދުނާމުކޮށް އެ މުވައްޒަފުންގެ އަބުރު ކަތިލާ ވާހަކަދެއްކުމާއި، ޙަގީގަތާ ޚިލާފު ވާހަކަ ފެތުރުން ފަދަ އެތައް މައްސަލައެއް އެ ޕެޓިޝަންތަކުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އެ މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ސުކޫލުގެ ދަރިވަރުންނާއި ރަށުގެ މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމާއި އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް އެޑިއުކޭޝަނު މިނިސްޓްރީގައި އެދިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ޕެޓިޝަނަކަށް މިނިސްޓްރީއިން އެދެވިގެންވާ އެއްވެސް ހައްލެއް ހޯދައި ދީފައިނުވާ ކަމަށާއި، ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންވެސް މިހާރު ތިބެން ޖެހިފައިވަނީ ޝަހުލާ އިމާދުގެ ނުފޫޒުން ކަސްތޮޅު އެޅިފައިކަމަށް ބައެއް ބެލެނިވެރިން ވަނީ މި ނޫހަށް މައުލޫމާތު ދީފައެވެ.

ޝަހުލާ އިމާދުއާ ގުޅުން ހުރި ޕްރޮފެޝަނަލް އެތައް މައްސަލަތަކެއް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް އެ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން ހިމެނޭހެން 2020 ވަނަ އަހަރުން ފެށިގެން ވެސް ގެންދަނީ އެތައް ޝަކުވާއަކާ އެތައް ޕެޓިޝަނެއް ހުށަހަޅާ އެތައް އާދޭހެއް ކުރަމުން ކަމަށާއި އަދި ތަކުރާރުކޮށް މުދައްރިސުންގެ ކަންބޮޑުވުންތައް އުކުޅަހު ކައުންސިލާވެސް ހިއްސާކޮށްފައިވާ ކަމަށާއި، ނަމަވެސް އެޑިއުކޭޝަނުން އެކަމަށް އެދެވިގެންވާ އެއްވެސް ހައްލެއް ނުލިބޭ ކަމަށާއި އަދި ޝަހުލާ ގެންދަނީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ މައްސަލަތައް އޮއްބާލަމުން ކަމަށް ވެސް ބައެއް ބެލެނިވެރިން ވަނީ ކިޔައިދީފައެވެ.

ކަން މިހެން ހުއްޓާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އުކުޅަހު ސްކޫލްގައި ޝަހުލާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށް، އއ. އަތޮޅު ސްކޫލަށް އޭނާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އޭނާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާ، އެކަން ކުރީ އޭނާ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ވޯޓު ނުދޭނެ ކަމަށް ބުނުމުން ކަމަށް ބައެއް މީޑީޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved