

ނިމި ދިޔަ ސަރުކާރުގައި ޗާގޯސް މޮރިޝަސްއަށް ވިއްކާލުމާ ދެކޮޅަށް އޭރު އެކަމުގައި ކަންބޮޑުވުން ފާޅުކޮށް އެކުލަވާލި ކޮމިޓީއިން މާލޭގައި ބޭއްވި ބޮޑު ޖަލްސާ ހުއްޓުވަން މާލެ ސިޓީގެ އޭރުގެ މޭޔަރު މުހައްމަދު މުއިއްޒު މަސައްކަތްކުރެއްވި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި އޭރު އެކޮމިޓީގައި ހިމެނިވަޑައިގެންނެވި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ޗާގޯސް ދިވެހިންނަށް ގެއްލުނީ ރައީސް މުހައްމަދު ނަޝީދު މޮރިޝަސްއާ އެކު ކުރި މަޝްވަރާތަކަކަށް ސިއްރު ސިޓީއެއް ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ސަރުކާރުން ފޮނުވުމުގެ ސަބަބުން ނަމަވެސް އެކަމުގައި އޭރުގެ މާލޭގެ މޭޔަރު މުއިއްޒު ހުންނެވީ ސަރުކާރަށް ބައިއަތު ހިފައިގެން ކަމަށެވެ. އެގޮތުން މުއިއްޒު އެ ޖަލްސާގެ ތައްޔާރިތަކަށްވެސް އަދި ޖަލްސާގައި ބައިވެރިވެޑައިވެސް ނުގަންނަވާކަން އަލީ ފާހަގަކުރެއްވިއެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލާ އޭރުގެ ސަރުކާރުާ ގުޅިގެން ރައީސް މުއިއްޒު ވަނީ ކާނިވާ ސަރަހައްދުގައި ބޭއްވި " ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލި ކަނޑު" ޖަލްސާ އެ ސަރަހްދުގައި ބޭއްވުނަ ނުދިނުމަށް މަސައްކަތްކުރައްވާފައި ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ އެކަން އެނގުނީ ޖަލްސާ ބޭއްވުމުގެ އެއް ދުވަސް ކުރިން ބޭއްވި ސްޓިއަރިން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.
އެ ބައްދަލުވުމުގައި އޭރުގެ އިދިކޮޅު ކޯލީޝަން ލީޑުކުރައްވަން ހުންނެވި އަބްދުއްރަހީމު އަބްދުﷲ، ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވެން ނެތްކަމަށް ވިދާޅުވި ކަމަށާ އެއީ ކާނިވާ ސަރަހައްދުގައި ގިނަ ވެހިކަލްތަކެއް ހުރުމުން ތަން ހުސްކުރަން އުނދަގޫވާނެ ކަމަށް މޭޔަރު މުއިއްޒު އަންގަވާފައިވާތީ ކަމަށް އަބްދުއްރަހީމު ވިދާޅުވިކަން އަލީ ހާމަކުރެއްވި ނަމަވެސް. އޭނާ އެކަމާ ދެކޮޅު ހަދާ އެއީ ޕާކިން ޒޯނެއް ނޫން ކަމަށާ ބަޔަކު ގާނޫނާ ޚިލާފަށް އެތަނުން ޕާކިން ލޮޓުތަކެއް ވިއްކި ނަމަވެސް އެތަނަކީ ކުރިން ހުއްދަ ނެގުމަކާ ނުލާ އެއްވެވޭތަނަށް ވުމުން ޖަލްސާ ބާއްވަން ޖެހޭނީ އެތާނގާކަމަށް ވިދާޅުވީ އޭނާ ދޫނުދެއްވާ އަބްދުއްރަހީމަށް ދަންނަވައިގެން މުއިއްޒަށް ގުޅުއްވީ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
އަޅުގަޑު ދެންނެވިން ޖަލްސާ ބާއްވަން ޖެހޭނީ ކާނިވާ ސަރަހަައްދުގައޭ. މީހަކު ގަވާއިދާ ޚިލާފަށް ޕާކިން ޒޯންތަކެއް ވިއްކިއަސް ޖަލްސާ އެތާ ނޫން ތަނެއްގައި ނުބޭއްވޭނެ. ޖަލްސާއަށް މުއިއްޒު ވަޑައިނުގެންވި ހިސާބުން އެނގުނު އޭރުގެ ސަރުކާރާ އެކުކަން މަސައްކަތްކުރީ.
އަލީ އިތުރަށް ވިދާޅުވީ ކަނޑުން ވިއްކާލި ބައި އަނބުރާ ހޯދަން މުއިއްޒުގެ ހެޔޮ ނިޔަތެއް ނެތް ކަމަށާ އޮތް ނަމަ ކަނޑު އަނބުރާ ހޯދަން އެޕީލުކުރަން ލިބިފައި އޮތް މުއްދަތުގައި ޑިފެކްޓަރ ބަންޑާރަ ނައިބަކު ބަހައްޓައިގެން އެ ވަގުތު ގެއްލުވާނުލެއްވީސް ކަމަށެވެ.
އަލީ ވިދާޅުވީ އިޚްލާސްތެރިކަމެއް ހުރިނަމަ މިއަދު މަޖިލީހުން އިސް ނަގައިގެން ކުރީ ސަރުކާރުން ފޮނުވި ސިޓީ ބަލައިނުގަންނަކަން ފާސްކޮށް ދުނިޔޭގެ ކޯޓުތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށާ ނަމަވެސް އޮޅު ހިޔަލުން އެކަން ކުރާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.