މިއަހަރު ހައްޖަށް ދިޔަ ދިވެހިން ތަކެއް އެއާޕޯޓުގައި / އިސްލާމިކް މިނިސްޓްރީ
ހަބަރު
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލު ރަނގަޅު: ހައްޖު މިޝަން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޖޫން 2025
މާލެ ސިޓީ

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1،000 ހައްޖާޖީން މިހާރު މައްކާއަށް ގޮސްފައިވާ ކަމަށާއި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުނެފި އެވެ.

އެތަނުން ބުނިގޮތުގައި ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިޔައީ ހަތަރު ފްލައިޓެއްގެ މަތިންނެވެ. އެ ހުރިހާ އެންމެންނަށް ވެސް، މި އަހަރު ދިވެހިންނަށް އަލަށް ލިބުނު 'މައްކާ ރޫޓު އިނީޝިއޭޓިވް'ގެ ލުއި ފަސޭހަކަން ލިބުނު ކަމަށް އެތަނުން ބުންޏެވެ.

އެގޮތުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ހައްޖު މިޝަންއިން ބުނެއެވެ.

ހައްޖު މިޝަންއިން ބުނީ ހައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ހައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާކަމަށެވެ.

ހައްޖުވެރިންނާ ގުޅޭ ކަންކަން ސައުދީ ސަރުކާރާއި ގުޅިގެން ދިވެހި ހައްޖު މިޝަންއިން ކުރަމުންދާއިރު ސައުދީ ސަރުކާރުގެ ޚާއްސަ މެހެމާންދާރީގައި ރައީސްގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ ހައްޖަށް ފުރާވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން ރައީސާއެކު ވަޑައިގަންނަވާ ވަފުދުގައި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަހަރުގެ އަރަފާތު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved