

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖޭއެސްސީން ފާސްކުރި ނަންތަކުގެ ތެރޭގައި އެ މަގާމަށް ޝަރުތު ހަމަނުވާ މުހައްމަދު ސަލީމުގެ ނަން ހިމެނޭހެން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
މީގެ ތެރޭގައި ހިމެނޭ ސަލީމު އަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.
ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެ އެވެ.
ހަމީދާއި ސަލީމް އެ މަގާމަށް އައްޔަން ކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައަޅައިދިނުމަށް ރައީސްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. ސިޓީ ތަޅުމުގައި އިއްވުމަށް ފަހު، މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވޭތޯ ވެސް ސުވާލެއްގެ ތެރޭގައި އޮއްވައެވެ.
އެ ފަނޑިޔާރު ސުޕްރީމް ކޯޓަށް އައްޔަންކުރަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލަ ލަސްކޮށްދިނުމުން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސަލީމްގެ ޝަރުތާއި މެދު އަދި ވެސް އަންނަނީ ހޫނު ބަހުސް ހިގަމުން ނެވެ. އެގޮތުން ޖޭއެސްސީގެ ބައެއް މެންބަރުން ދެކުނު ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެ އެވެ.
އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ޖޭއެސްސީ ސިޔާސީވެ ނާގާބިލު ފަނޑިޔާރުން ކޯޓުތަކަށް އައްޔަނު ކުރުން އާންމުވެ އެކަމަށް ގިނަބަޔަކު ނުރުހުން އަމާޒުކުރަމުން ދަނިކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ކަނޑައެޅިގެން ހިލާފަށް ފެށިގެންދިޔަ ޢައިރު ދުސްތޫރީ މަރުހަލާއެއްގެ ދަށުން، އަދުލު އިންސާފް ޤާއިމުކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ދުރުކޮށް، އެ ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީ އަށް ލިބިގެން ނުވާ ބާރެއްގެ ދަށުން، އެ ކޮމިޝަނުން ހިންގާފައިވާ އައިރު ދުސްތޫރީ އިޖްރާއާތަކީ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި، 159 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ހިންގާފައިވާ ބާޠިލް އިޖްރާއަތެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ މަގާމަށް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ސަލީމާއި ހަމީދަށެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ސަލީމު ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެން ކަން "ތޭރަ އޮންލައިން" އަށް ވަނީ މައުލޫމާތު ލިބިފައި އެވެ.
ނަން ހާމަނުކުރުމަށް އެދި ސަރުކާރުގެ އޮފިޝަލަކު ތޭރަ އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ސަލީމު ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ އަމިއްލަ އިސްނެންގެވުމާ އެކު ނޫން ކަމަށެވެ. އެގޮތުން ސަލީމު ސުޕްރީމު ކޯޓަށް ކުރިމަތިލުމަށް ރައީސް މުއިއްޒު އެންގެވީ ފޯނުން ގުޅުއްވާ އަދި އެއަށް ފަހު ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް މެދުވެރިކޮށް މެސެޖު ޕާސްކުރައްވައިގެން ކަމަށެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު އަސްލަމަކީ ފަނޑިޔާރު ސަލީމުގެ އެއްބަޑު އެއްބަފާ ބޭބޭފުޅު ކަމަށާ ސަލީމު, ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ލަސްކުރި ކުރުމުގެ އިނާމެއްގެ ގޮތުން ސަލީމަށް ފަނޑިޔާރުކަން ދެނީ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ