މިއަހަރު ހައްޖަށް ދިޔަ ދިވެހިން ތަކެއް އެއާޕޯޓުގައި / އިސްލާމިކް މިނިސްޓްރީ
ހަބަރު
މިއަހަރު ދިވެހިން ސައުދީ އަރަބިއްޔާގައި ހޭދަކުރާ ދުވަސްތައް މަދުވާނެ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
02 ޖޫން 2025
މާލެ ސިޓީ

އެއްމަސްދުވަހުގެ ހައްޖުގެ އަޅުކަން ލިބިގަތުމަށްޓަކައި ފައިސާ ދެއްކި ނަމަވެސް މިއަހަރު ހައްޖާޖީންނަށް ހައްޖުވުމަށް ލިބޭނީ އެންމެ 15 ދުވަހެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުން ބުނެފައި ވަނީ، މި އަހަރު ދިވެހިން ސައުދީ އަރަބިއްޔާގައި ހޭދަކުރާ ދުވަސްތައް މަދުވާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ސަބަބެއް ހައްޖު ކޯޕަރޭޝަން އިން ހާމަ ކޮށްފައި ނުވުމުން ގިނަ އަދަދެއްގެ މީހުންގެ ޝަކުވާ އަމާޒުވާން ވަނީ ފަށަފައެވެ.

ބައެއް މީހުން ބުނިގޮތުގައި އެ މީހުން ފައިސާ ދެއްކީ 25 ނުވަތަ 30 ދުވަހު ހައްޖުގެ އަޅުކަމުގައި  ސައުދީ އަރަބިއްޔާގައި މަޑުކުރުމަށް ކަމަށެވެ. އެގޮތުން 70،000 ރުފިޔާ ދައްކާފައި ވަނީ އެއްމަސްދުވަހުގެ ހައްޖު ފުރިހަމަކުރުމަށް ކަމުގައިވެސް އެއްބަޔަކުވަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކޮށްފައެވެ.

ދަތުރު ކުރުވެފައި ވީނަމަވެސް ބާކީ ހުރި 10 ދުވަހުގެ ފައިސާ އެފަރާތް ތަކަށް ނުލިބޭ ކަމަށާއި، ގުޅައިގެން އެފައިސާ ހޯދަން މަސައްކަތް ކުރުމުން ވެސް އަނބުރާ ނުލިބޭ ކަމަށް ވެސް އެފަރާތްތަކުގެ ޝަކުވާގައި ވެއެވެ. އެފައިސާ އަކީ އެމީހުންނަށް އަނބުރާ ލިބެން ޖެހޭނެ އެއްޗެއް ކަމުގައިވެސް ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައިވެއެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ ހައްޖުގެ މުއްދަތު ކުރުވާނެކަން އެނގިފައި ވަނީ އެންމެ ފަހު ވަގުތުގައި ކަމަށާއި އަދި މި ކަމަކީ ހައްޖު ކޯޕަރޭޝަން އިން އެފަރާތްތަކަށް އޮޅުވާލައިފައިވާ ކަމެއް ކަމުގައެވެ.

ހައްޖުގެ އަޅުކަމަކީ ގިނަ ފަހަރު ހަޔާތުގައިވެސް އެއްފަހަރު ނޫނީ ނުލިބޭނޭ ފުރުސަތަކަށް ވާއިރު އެމާތް އަޅުކަަމަށްދާ އެންމެންވެސް އެބިމުގައި ގިނަ ވަގުތު ހޭދަކޮށްލަން ބޭނުން ވާނެ ކަމުގައި މިއަހަރުގެ ހައްޖުވެރިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved