

ޗާގޯސް މައްސަލަ، ރާއްޖެއަށް އިސްތިއުނާފު ކުރަން ލިބިފައި އޮތް މުއްދަތު ގެއްލުވާލީ ޑިފެކްޓޯ އެޓާނީ ޖެނެރަލްއެއް ބަހައްޓައިގެން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވީ ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވިދާޅުވީ ފެހެންދީބު އަތޮޅު ދިވެހިން އަތުން ބީވެގެން ގޮސްފިނަމަ އެއީ ދިވެހިންގެ ތަރިއެއް ގެއްލުން ކަމަށާ އެގޮތުން އެކަންކަން ދިފާއުކުރައްވަން ޖެހޭނީ އޭރެއްގައި ހުންނަވާ ވެރިއެއް ކަމަށެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒަކީ ފެހެންދީބު އަތޮޅޫ (ޗާގޯސް) ރާއްޖެއަށް އަނބުރާ ހޯދުމުގެ ނިޔަތެއް އޮތް ބޭފުޅެއް ކަމަށް ގަބޫލުނުކުރެވޭކަމަށް ވިދާޅުވެ އަލީ ވިދާޅުވީ އެފަދައިން ވިދާޅުވާން ޖެހެނީ ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމާ އެކި އިއސީޖޭއިން ނިންމި ނިންމުން އެހެން އޮއްވާ އެ މައްސަލަތައް އިސްތިއުނާފު ކުރަން ލިބިފައި އޮތް މުއްދަތުގައި އިތުބާރު ނެތް ބަންޑާރަ ނައިބެއްގެ ދިފާއުގައި އެ މުހިއްމު އެޕީލު ދޫކުރެއްވުމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އަހުމަދު އުޝާމްއަށް ނުލިބުމުން ވެސް އެނާ މަގާމުން ދުރުކޮށް މަޖިލީހުގެ އިތުބާރު އޮތް ބަންޑާރަ ނައިބަކު މަގާމަށް އައްޔަންކޮށްގެން ޗާގޯސް ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ރައީސް މުއިއްޒު ގާނޫނާ ޚިލާފަށް އުޝާމް މަގާމުގައި ބަހައްޓައިގެން ދެން އަންނަ މަޖިލީހެއް އިންތިޚާބު ވަންދެން އަމަލުކުރެއްވީ ވަރަށްވެސް ދަށު ދަރައިގެ ގޮތުން ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
ދެން އަންނަ މަޖިލީހެއް ހޮވެންދެން އަނެއްކާވެސް އަލުން އެމީހަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ރުހުން ހޯދަން އެގޮތަށް މަސައްކަތް ކުރީމަ އެންމެ ރަނގަޅު 6 މަސް، ހަގީގަތުގައި އެ މައްސަލަ އިސްތިއުނާފުކުރަން އޮތް ވިންޑޯ ގެއްލުވާލީ. އެ މަސައްކަތް ހަގީގަތުގައި ސީރިއަސްކޮށް މަސައްކަތްކޮށް އެއީ އެކަށީގެންވާ ސަބަބެއް. އަޅުގަޑުމެންނަށް އިނގޭނެ ގާނޫނީ ގޮތުން މައްސަލައެއް އިސްތިއުނާފުކުރުމަށް އެކަށީގެންވާ ސަބަބެއް އޮންނަން ޖެހޭނެ އިސްތިއުނާފުކުރާކަމަށް ވަންޏާ. އެހެންވީމަ ކުރީ ސަރުކާރުން ކުރި ކަމެއް އެ ސަރުކާރުން އެއީ ގޯހެއްކަމަށް ބަލައިގަނެ އެކަސަރުކާރުން އެކަން އިސްތިއުނާފުނުކުރާނެކަން އަޅުގަޑުމެން ބުއްދީގެ ހަމަތަކަށް ބަޅާއިރު އެންމެންނަށް އެނގޭ. އެހެންވީމަ ސަރުކާރު ބަދަލުވީމަ އެންމެ އިސްކަމެއް ދިގެން ކުރަން ޖެހޭ ކަމަކީ އެ މައްސަލަ އިސްތިއުނާފުކުރުން. އެހެންނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރެވޭނީ ރަނަގަލު ބަންޑަރަ ނައިބަކު ހުރެގެން ނޫންތޯ؟ އަޅުގަޑު މިދަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތް ސައްޚަ ބަންޑާރަ ނައިބަކު ހުރެގެން ނޫންތޯއޭ އެކަން ކުރެވޭނީ. އެހެން ނަމަވެސް 6 މަސް ދުވަސް ދުއްވާލީ ސައްޚަ ބަންޑާރަ ނައިބަކު ނެތި ޑީފެކްޓޯ ބަންޑާރަ ނައިބަކު ބަހައްޓައިގެން. އެހެންވީމަ ރައީސް މުއިއްޒުގެ އިޚްލާސްތެރިކަން އެއްވެސް މިންވަރަަކށް ނެތް އިނގޭތޯ
އަލި އިތުރަށް ވިދާޅުވީ ނިމި ދިޔަ ސަރުކާރުގައި ޗާގޯސް މޮރިޝަސްއަށް ވިއްކާލުމާ ދެކޮޅަށް އޭރު އެކަމުގައި ކަންބޮޑުވުން ފާޅުކޮށް އެކުލަވާލި ކޮމިޓީއިން މާލޭގައި ބޭއްވި ބޮޑު ޖަލްސާ ހުއްޓުވަން މާލެ ސިޓީގެ އޭރުގެ މޭޔަރު މުހައްމަދު މުއިއްޒު މަސައްކަތްކުރެއްވި ކަމަށެވެ.
އަލީ ވިދާޅުވީ ޗާގޯސް ދިވެހިންނަށް ގެއްލުނީ ރައީސް މުހައްމަދު ނަޝީދު މޮރިޝަސްއާ އެކު ކުރި މަޝްވަރާތަކަކަށް ސިއްރު ސިޓީއެއް ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ސަރުކާރުން ފޮނުވުމުގެ ސަބަބުން ނަމަވެސް އެކަމުގައި އޭރުގެ މާލޭގެ މޭޔަރު މުއިއްޒު ހުންނެވީ ސަރުކާރަށް ބައިއަތު ހިފައިގެން ކަމަށެވެ. އެގޮތުން މުއިއްޒު އެ ޖަލްސާގެ ތައްޔާރިތަކަށްވެސް އަދި ޖަލްސާގައި ބައިވެރިވެޑައިވެސް ނުގަންނަވާކަން އަލީ ފާހަގަކުރެއްވިއެވެ.
އަލީ ވިދާޅުވީ އިޚްލާސްތެރިކަމެއް ހުރިނަމަ މިއަދު މަޖިލީހުން އިސް ނަގައިގެން ކުރީ ސަރުކާރުން ފޮނުވި ސިޓީ ބަލައިނުގަންނަކަން ފާސްކޮށް ދުނިޔޭގެ ކޯޓުތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށާ ނަމަވެސް އޮޅު ހިޔަލުން އެކަން ކުރާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.