ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ / ރައީސް އޮފިސް
ހަބަރު, ސިޔާސީ
ހައްޖުގެ އަޅުކަމުގައި ތިބޭ، މުއްދަތު ކުޑަކުރި ކަމަށް ސަރުކާރުން އެންމެފަހުން އެއްބަސް ވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 ޖޫން 2025
މާލެ ސިޓީ

ދިވެހި ރާއްޖޭން ހައްޖަށް މިއަހަރު ދާ މީހުން, ސައުދީގައި ހޭދަ ކުރާ މުއްދަތު އެހެން އަހަރުތަކަށް ވުރެ މަދުވާނެ ކަމަށް ދެކެވެމުން ދިޔަ ވާހަކަ ސަރުކާރުން ތެދުކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުން ބުނެފައި ވަނީ، މި އަހަރު ދިވެހިން ސައުދީ އަރަބިއްޔާގައި ހޭދަކުރާ ދުވަސްތައް މަދުވާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ސަބަބެއް ހައްޖު ކޯޕަރޭޝަން އިން ހާމަ ކޮށްފައި ނުވުމުން ގިނަ އަދަދެއްގެ މީހުންގެ ޝަކުވާ އަމާޒުވާން ވަނީ ފަށަފައެވެ.

ބައެއް މީހުން ބުނިގޮތުގައި އެ މީހުން ފައިސާ ދެއްކީ 25 ނުވަތަ 30 ދުވަހު ހައްޖުގެ އަޅުކަމުގައި  ސައުދީ އަރަބިއްޔާގައި މަޑުކުރުމަށް ކަމަށެވެ. އެގޮތުން 70،000 ރުފިޔާ ދައްކާފައި ވަނީ އެއްމަސްދުވަހުގެ ހައްޖު ފުރިހަމަކުރުމަށް ކަމުގައިވެސް އެއްބަޔަކުވަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކޮށްފަ އެވެ.

މިކަމާއި އާންމުން ފާނޑުކިޔަން ފެށުމުން މި ވަގުތު ސައުދީގައި ވަޑައިގެން ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބި ނަމަވެސް، މި ފަހުގެ އަހަރުތަކުގައި އާއްމުކޮށް ތިބެފައިވަނީ 22 ދުވަހާއި 25 ދުވަހު ދެމެދު ކަމަށެވެ. އެއީ ހައްޖު ނިންމާފައި މަދީނާއަށް ގޮސްފައި އަދި މައްކާއަށް އެނބުރިދާތީ ކަމަށް ވިދާޅުވި އެވެ.

މި ފަހަރު ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްގަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން،

- ޝަހީމް

ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ހައްލެއް ހޯދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ ހައްޖުގެ މުއްދަތު ކުރުވާނެކަން އެނގިފައި ވަނީ އެންމެ ފަހު ވަގުތުގައި ކަމަށާއި އަދި މި ކަމަކީ ހައްޖު ކޯޕަރޭޝަން އިން އެފަރާތްތަކަށް އޮޅުވާލައިފައިވާ ކަމެއް ކަމުގަ އެވެ.

ހައްޖުގެ އަޅުކަމަކީ ގިނަ ފަހަރު ހަޔާތުގައިވެސް އެއްފަހަރު ނޫނީ ނުލިބޭނޭ ފުރުސަތަކަށް ވާއިރު އެމާތް އަޅުކަަމަށްދާ އެންމެންވެސް އެބިމުގައި ގިނަ ވަގުތު ހޭދަކޮށްލަން ބޭނުން ވާނެ ކަމުގައި މިއަހަރުގެ ހައްޖުވެރިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved