

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި އެމްޓީސީސީ އަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ ވެސް ދަށްވެފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2،157 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތަ ދަށް އަދަދެކެވެ.
އާމްދަނީ ދަށްވީ ސަބަބެއް ކަމަށް ރިޕޯޓުގައި ވަނީ، ބިން ހިއްކުމާއި އިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ، ކޭޝް ފްލޯ ތާށިކަން އައިސްގެންނެވެ.
އެމްޓީސީސީއަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކަކީ ވިޔަފާރި އާއި ބިން ހިއްކުމާއި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓާއި ދަތުރުފަތުރެވެ.
މިދިޔަ އަހަރު ވިޔަފާރިން ލިބުނު އާމްދަނީ ވެސް ވަނީ ހަ އިންސައްތަ ދަށަށް ގޮސްފައެވެ. އޭގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ވާދަވެރިކަން ބޮޑުވެ، ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން އިންވެންޓްރީ ރީ-ސްޓޮކް ކުރުމުގައި ދަތިތަކެއް ހުރުމުންކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީގެ އާމްދަނީއަށް އައި ވެއްޓުމާއެކީ ކުންފުނީގެ ސާފު ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 45 މިލިއަން ރުފިޔާ ފައިދާވިއިރު، މިއީ އޭގެ ކުރީ ހަތަރު އަހަރަށް ވުރެ ވެސް މަދު އަދަދެކެވެ.