

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުޅި ޖުމްލަ ދަރަނި 13.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
މިއީ 2023ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ހުރި މިންވަރަށްވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތަކަށް ކުރިން ނަގާފައިވާ ލޯނުތަކާ އެކު އެމްއޭސީއެލްގެ ދަރަނީގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ އެކި ދަރަނިތަކަށް ނުދައްކައި 1.6 ބިލިއަން ރުފިޔާ އެބަ އޮތެވެ.
އޭގެ ތެރޭގައި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ، 26 ޑިސެންބަރު 2023ގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެއީ ފަސް އަހަރުން ދައްކާ ގޮތަށް، ކޮންމެ އަހަރަކަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ބީއެމްއެލްއިން ނެގި ލޯނެކެވެ. މި ލޯނުގެ 40 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން 24ގައި 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކޯޕަރޭޓް ބޭނުމަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުން ދައްކާގޮތަށް ބީއެމްއެލްއިން ނަގާފައިވެއެވެ. އޭގެ ތެރެއިން ވެސް 26.5 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.
އޮޑިޓުން ފާހަގަވި އަނެއް ކަމަކީ މި ސަރުކާރު ހަވާލުވި ފަހުން، އެމްއޭސީއެލްއިން ވަނީ ޖުމްލަ 80 މިލިއަން ޑޮލަރު ދެ ލޯނަކަށް ބަހާލައިގެން ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ ނަގައިފަ އެވެ. އެއީ ޖުމްލަ ދަރަނީގެ %8.96 އެވެ.
އޮޑިޓު ހިސާބުތަކުން ދައްކާ ގޮތުން އެމްއޭސީއެލްގައި ނަގުދު ފައިސާ އާއި ބޭންކުގައި ހުރި އަދަދާ އެކު މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގައި ޖުމްލަ ފައިސާގެ ގޮތުގައި 936 މިލިއަން ރުފިޔާ ހުއްޓެވެ.
އެމްއޭސީއެލްއިން ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިސާއިން ބަޔެއް ދައުލަތުގެ ޓްރެޝަރީ ބިލު (ޓީބިލު) ތަކާއި ބޮންޑުތަކަށް އިންވެސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ޑޮލަރު ބޮންޑަކަށް އިންވެސްޓު ކުރި 30 މިލިއަން ޑޮލަރު ހިމެނެ އެވެ.
އެމްއޭސީއެލްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލް ވިއްކައިގެންނެވެ. ޖެޓް ފިއުލް ވިއްކައިގެން މިދިޔަ އަހަރު 4.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއީ ޖުމްލަ އާމްދަނީގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދައްކަން ފާސްކުރީ 75 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކަ އެވެ.