theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ އަބްދުﷲ ހަމީދު (ވ)، މުހައްމަދު ސަލީމް (ކ) / ޖޭއެސްސީ
ހަބަރު, ސިޔާސީ
ޖުޑިޝަރީ ކޮމިޓީން ބުނީ ސުޕްރީމް ކޯޓަށް ސަލީމް ޝަރުތު ހަމަވާ ކަމަށް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖޫން 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖޭއެސްސީން ފާސްކުރި ނަންތަކުގެ ތެރޭގައި އެ މަގާމަށް ޝަރުތު ހަމަނުވާ މުހައްމަދު ސަލީމުގެ ނަން ހިމެނޭހެން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ދިރާސާ ކޮށް އެ ދެ ބޭފުޅުންގެ ޝަރުތު ވެސް ހަމަކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ނިންމައިފި އެވެ.

މީގެ ތެރޭގައި ހިމެނޭ ސަލީމު އަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.

ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެ އެވެ.

ހަމީދާއި ސަލީމް އެ މަގާމަށް އައްޔަން ކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައަޅައިދިނުމަށް ރައީސްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. ސިޓީ ތަޅުމުގައި އިއްވުމަށް ފަހު، މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން މިއަދު ބުނީ އެ ދެ ބޭފުޅުންނަކީ ހައި ކޯޓުގައި މަސައްކަތްކުރައްވައި ތައުލީމީ ބޭފުޅުންނަށް ވުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ  ޝަރުތު ފުރިހަމަވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވޭތޯ ވެސް ސުވާލެއްގެ ތެރޭގައި އޮއްވަ އެވެ.

ސުޕްރީމް ކޯޓަށް ބޭފުޅުން އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ މެންބަރުން ނަގާ ވޯޓަކުން ފާސްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved