

ގާޒާގައި ހިނގަމުންދާ ގުތުލުއާންމުތަކުގައި ޝަހީދުވެފައިވާ މީހުންނާއި، އެރަށުގެ ރައްޔިތުންނަށް ރަހުމަތްލައްވާ ކަންކަން ލުއިކޮށްދެއްވުމާއެކު އަދުއްވުންގެ ނުރައްކަލުންނާއި، އެމީހުންގެ ކިބައިން އަމާންކަން ދެއްވުމަށް މިއަދުގެ ހުތުބާގައި ދުއާކޮށް ބާރު އަޅުއްވައިފި އެވެ.
މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު ހައްޖު ހުތުބާ އިއްވަމުން އިސްލާމީ އުންމަތަށް ވިދާޅުވީ ޝައިތާނާ ބޭނުންވަނީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން ކަމަށާއި އެހެންވެ މީހަކު ތިމާއާ މެދު ނުބައިކޮށް އަމަލުކުރި ކަމުގައި ވިޔަސް އެ މީހަކާ މެދު ހެޔޮކޮށް ހިތުމަށެވެ.
އަދި، މުސްލިމުންގެ ވެރިންނާއި، ސައުދީގެ ވެރިންނަށް ވެސް ހިދާޔަތު ދައްކަވާ ތެދުމަގު ދެއްކުވަމަށް ވެސް މިއަދުގެ ހުތުބާގައި ދުއާ ދެންނެވި އެވެ.
ޝައިޚް ސާލިހް ވަނީ ކޮންމެ މީހަކު ވެސް ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދަންނަވައި ތައުބާވުމަށާއި އޭރުން ﷲ ގެ ދީލަތިވަންތަކަމުން އެ މީހަކަށް ދެއްވައި ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަން ވެސް ހޯދޭނެ ކަމަށް ވެސް ޚުތުބާގައި ވިދާޅުވެފަ އެވެ.
ﷲ އެ މީހަކަށް މުސީބާތެއް ޖައްސަވައިވި ނަމަ ﷲ ފިޔަވައި އެހެން ފަރާތަކަށް އެކަން ލުއިކޮށެއް ނުދެވޭނެ. ހަމަ އެގޮތަށް، ﷲ އެ މީހަކަށް ނިއުމަތެއް ދެއްވައި ނަމަ އެކަމަށް ހުރަސްއަޅައި ހުއްޓުވޭނެ އެހެން ފަރާތެއް ވެސް ނުވޭ،
އެހެންވެ ﷲ ގެ މަގަށް ރުޖޫއަވެ ޝައިތާނާއާ ދުރުވުމަށް ފަރުޟު ނަމާދުގެ މުހިންމުކަން ހަނދާންކޮށްދެއްވި އެވެ.
ދެން ޙައްޖުޚުޠުބާގައި ދުޢާކުރެއްވި އެވެ. ހުރިހާ ޙައްޖާޖީންނަށާއި އެބައިމީހުންގެ އާއިލާތަކެށެވެ. މުޖުތަމަޢުތަކަށާއި ގައުމުގައުމަށެވެ. އަދި މުޅި އުންމަތަށް ހެޔޮދުޢާކޮށްދެއްވިއެވެ. މުސްލިމް އުންމަތަށް ރައްކާތެރިކަން ދެއްވުންއެދި ދުޢާތަކުރާރުކުރެއްވި އެވެ.
އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތި ޙާލުން ސަލާމަތްކޮށްދެއްވުންއެދި ދުޢާކުރެއްވި އެވެ. ޔަހޫދީން ނިކަމެތި ކުރެއްވުމަށާއި އެބައިމީހުންގެ ބާރުކެނޑުއްވުމަށް ވެސް ދުއާ ކުރެއްވި އެވެ. އެ ވަގުތު ޙައްޖާޖީން އާމީން ކިޔަމުންދިޔަ އަޑު ވަރަށް ބާރަށް އިވުނެވެ.
ހައްޖަތުލް ހުތުބާއަށްފަހު، މެންދުރު އަދި އަސުރު ނަމާދު ގަސުރުކޮށް ޖަމައުކޮށް ކުރާނެ އެވެ. އެޔަށްފަހު އިރުއޮއްސެންދެން ހައްޖުވެރިން އަރަފާތުގައި ދެމިތިބޭނީ ދުއާކުރުމާއި، ޒިކުރުކުރުންފަދަ އަޅުކަންތަކުގަ އެވެ. އިރުއޮއްސުމަށްފަހު، މުޒުދަލިފާއަށް ދިއުމަށް ހައްޖުވެރިން އަރަފާތު ބިމުން ނިކުންނަން ފަށާނެ އެވެ.
ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު މި އަޅުކަމަށް މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ މީހުން މައްކާ އަށް ދިޔަ އެވެ. މިއަހަރު ރާއްޖެއިން 1000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ ނެވެ.