

ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިން ލަފާއާ މެދު އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ ހިޔުމަން ރައިޓްސް އިންސްޓިޓިއުޓް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިފަހުން ވަނީ ވަކިކޮށްފަ އެވެ. އެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ.
ފަނޑިޔާރުން ވަކިކުރުމުގައި ގާނޫނޫގައި ބަޔާންކޮށްފައިވާ މަރުހަލާތައް ކަޑައްތުކޮށްފައި ނުވާ ކަމަށް ބުނެ ކަންބޮޑުވުން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން ހިއުމަން ރައިޓްސް އިންސްޓިޓިއުޓް (އައިބީއޭއެޗްއާރުއައި) އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަނޑިޔާރުންގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަންވާނެއެވެ.
އައިބީއޭއެޗްއާރްއައިގެ ކޯ ޗެއާ، މާކް ސްޓީފަންސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން މަސައްކަތްކުރި ގޮތުން، ރާއްޖޭގެ ފަނޑިޔާރުގެއަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އަމަލުކުރި ގޮތުން، އަސާސީ ގާނޫނީ ހައްގުތައް ނިގުޅައިގެންފައިވާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
މީގެ އިތުރުން، ފަނޑިޔާރުންނާ މެދު އެއްވެސް އިސްލާހީ ފިޔަވަޅެއް އަޅާ ނަމަ، އެކަން ކުރަންވާނީ ފަނޑިޔާރުންގެ މިނިވަންކަމާއި އަދުލު އިންސާފުގެ އުސޫލުތަކަށް އިހުތިރާމު ކުރަމުން ކަމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ ހިޔުމަން ރައިޓްސް އިންސްޓިޓިއުޓް އިން ބުނެފައިވެ އެވެ.
މިހެން ފަނޑިޔާރުން ވަކިކުރުމުގެ ނަތީޖާ މާ ނުރައްކާވެދާނެ ކަމުގެ އިންޒާރު އޭނާވަނީ ދެއްވައިފަ އެވެ.
ދެ ފަނޑިޔާރުން ކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ވެސް ދިވެހި ސަރުކާރަށް ގޮވާލާފައި ވެ އެވެ.
މި މައްސަލައިގައި ބައިނަލްއަގުވާމީ އެތައް ޖަމިއްޔާއަކުން ވެސް ވަނީ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ބަޔާންތައް ނެރެ، އަދި ސަރުކާރަށް ސިޓީ ވެސް ފޮނުވައިފައެވެ.