March 13, 2026
Advertisement
ހޯރަފުށީ ބޮޓްލިން ޕްލާންޓުން މުވައްޒަފުން ވަކިކުރި ކަމަށް ފެނަކަ އިން އެއްބަސްވުން
ހޯރަފުށީ ބޮޓްލިން ޕްލާންޓުން މުވައްޒަފުން ވަކިކުރި ކަމަށް ފެނަކަ އިން އެއްބަސްވުން / ފެނަކަ ކޯޕަރޭޝަން

ހޯރަފުށީ ބޮޓްލިން ޕްލާންޓުން މުވައްޒަފުން ވަކިކުރި ކަމަށް ފެނަކަ އިން އެއްބަސްވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 12, 2025, 05:39 PM
މާލެ ސިޓީ

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރި ކަމަށް ފެނަކަ އިން އެއްބަސް ވެއްޖެ އެވެ.

Advertisement

ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް އަޅަނީ، އެ ރަށު ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިންޑިއާއިން ދީފައިވާ ހިލޭ އެހީއަކާ ވެސް އެކުގައެވެ.

އެ މަޝްރޫއު ހުއްޓިފައިވާތީއާއި، އެ ޕްލާންޓަށް ނަގާފައި ތިބި މުވައްޒަފުން ވަކި ކުރުމުން، ހޯރަފުށީ ކައުންސިލުންވަނީ ފެނަކައާ ދެކޮޅަށް ކޯޓަށް ދާން ނިންމައިފަ އެވެ.

މި ކަމާ ގުޅިގެން ފެނަކައިން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ބޮޓްލިން ޕްލާންޓި މަޝްރޫއު ހިންގުމަށް 36.7 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިންޑިއާއިން ދިން ނުވަ މިލިއަން ރުފިޔާގެ އެހީއާއެކު އެ މަޝްރޫއަށް ކައުންސިލުން ހިއްސާކުރީ 2.4 މިލިއަން ރުފިޔާ ކަމަށެވެ. ބާކީ 34.3 މިލިއަން ރުފިޔާ ޚަރަދުކުރީ ފެނަކައިންނެވެ.

ފެނަކައިން ނެރުނު ބަޔާނުގައި ވަނީ، ބޮޓްލިން ޕްލާންޓު އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާ މޭޒު ހުރިނަމަވެސް މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީގެ ބޮޑުބައި ހުރީ ރާވައި ނުނިމި ކަމަށެވެ. އަދި އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ އިމާރާތް ކުރުމުގެ ބައެއް މަސައްކަތްތައް ވެސް ނުނިމޭ ކަމަށް ބަޔާނުގައި ވެއެވެ.

އެ ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންދިއުމަކީ މި ވަގުތު ކުންފުންޏަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް އެ ކުންފުނިންވަނީ ބުނެފަ އެވެ.

ފެނަކަ އިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު، އަންނަ މަހު މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބޮޓްލިން ޕްލާންޓުގެ މަސައްކަތް މި ސަރުކާރުން ހުއްޓާލާތީ އެރަށުގައި މިއަދު ވަނީ މުޒާހަރާ ކުރަން ވެސް ނިންމާފައި އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved