theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދަަރަނި އަދާކުރަން މުއިއްޒު ސަރުކާރަށް ގޮންޖެހުން ހުރުމުން ފިޗުން ޖަންކް ރޭޓިން ދަމަހައްޓައިފި / ރައީސް އޮފިސް
ހަބަރު
ދަަރަނި އަދާކުރަން މުއިއްޒު ސަރުކާރަށް ގޮންޖެހުން ހުރުމުން ފިޗުން ޖަންކް ރޭޓިން ދަމަހައްޓައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 ޖޫން 2025
މާލެ ސިޓީ

ދިވެހިރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑުކަން ފާހަގަކޮށް، އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވެސް ރާއްޖެއަށް ދީފައި އޮތް "ސީސީ" ނުވަތަ "ޖަންކް" ރޭޓިން މިއަދު ދަމަހައްޓައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރި އެވެ.

މިފަހަރު ވެސް އެ "ޖަންކް" ރޭޓިން ފިޗުން ދެމެހެއްޓީ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކުރަމުންނެވެ. އެގޮތުން، މިއަހަރުގެ ދެވަނަބައިގައި 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އަންނަ އަހަރު ދަރަނި ސާވިސް ކުރަން 1.1 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ފިޗުން ބުނެފައި ވެ އެވެ.

ފިޗުން ފާހަގަކުރި ގޮތުގައި ހަމައެކަނި ރިޒާވަށް ބަރޯސާވާން ޖެހިއްޖެ ނަމަ އެ ފައިސާއިން ވާނީ ހަމައެކަނި ދޮޅު މަހަށެވެ. އާންމު ގޮތެއްގައި ރިޒާވްގައި ތިން މަހަށް ބޭނުންވާ ބޭރު ފައިސާ ރައްކާކުރެއެވެ.

ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ރިޒާވުން އުނިކުރުމުން ބާކީ އިންނާނީ އެންމެ 28 މިލިއަން ޑޮލަރު ކަމަށް ފިޗުން ފާހަގަކުރިއެވެ. އެއީ، ގައުމަކަށް އެކަށިގެންވާ އަދަދެއް ނޫނެވެ.

ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި އަންނަ އަހަރު 125 އިންސައްތައަށް އަރާނެކަމަށް ފިޗުން ވަނީ އަންދާޒާކޮށްފަ އެވެ.

ފިޗުގެ އިތުރުން ދެން އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީގެ ގޮތުގައި ބަލައިގަންނަ މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން މެއި 16، ގައި ވަނީ ދަމަހައްޓާފަ އެވެ.

ދައުލަތް ހިންގުމަށް ޚަރަދުކުރި މިންވަރު އިތުރުވެފައިވާއިރު، މި ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް އިތުރުވެފައިވަނީ މަގާމުތަކަށް ކުރާ ހޭދަ އިތުރުވެގެން ކަމަށް ބެލެވެ އެވެ. އަދި ހަރަދުތައް ކުޑަ ނުކޮށްފިނަމަ ރާއްޖެ ބަގްރޫޓު ވެދާނެކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން ދިފައިވާ ކަންވެސް ފާހަގަކޮށްލެވެ އެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?