February 21, 2026
Advertisement
ސަހްޔޫނީން އިސްވެ އީރާނަށަށް ހަމަލާ ދިނީ ރޭ ފަތިހު
ސަހްޔޫނީން އިސްވެ އީރާނަށަށް ހަމަލާ ދިނީ ރޭ ފަތިހު / އިސްރާއީލް އަސްކަރިއްޔާ

އިރާނުން ރައްދުގައި ސަހްޔޫނީންގެ އަމާޒުތަކަށް މިސައިލް ހަމަލާތައް ދޭން ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 13, 2025, 07:12 PM
މާލެ ސިޓީ

ސަހްޔޫނީން ދިން ހަމަލާތަކާއި ގުޅިގެން އިރާނުން ދޭ ރައްދު ހަމަލާގެ ގޮތުން މިސައިލް ބޭނުން ކޮށްގެން ސަހްޔޫނީންނަށް ހަމަލާތައް ދޭން ފަށައިފި އެވެ.

Advertisement

ސަހްޔޫނީންގެ އަސްކަރިއްޔާއިން އީރާނަށް ފަސް ބުރެއްގެ މަތިން މިހާތަނަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ސަހްޔުނީންގެ އަސްކަރިއްޔާގެ އޮފިޝަލަކު ޓައިމްސް އޮފް އިޒަރޭލްއާ ވާހަކަ ދައްކަމުން ބުނެފި އެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އަށް ތަނަކަށް ކަމަށް ވެސް އެ ހަބަރުގައި ބުނެ އެވެ.

ހަމަލާތަކާ ގުޅިގެން އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުއްالله އަލީ ހަމަނާއީ ނެރުއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ ސަހްޔޫނީންގެ ހަމަލާތަކުގައި އިރާނުގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެ ހަމަލާގެ ބަދަލު ވަރަށް ހިތިކޮށް ލިބިގަންނާން ތައްޔާރުވުމަށް ހަމަނާއީ ވަނީ ސަހްޔޫނީންނަށް އިންޒާރު ކުރައްވައިފަ އެވެ.

ހަމަލާތައް ކުރިއަށް ދާއިރު އިޒްރޭލުން ބުނީ 100 ވަރަކަށް ޑްރޯން ސަހްޔޫނީން ދިމާލަށް އީރާނުން ފޮނުވާލާފައިވާ ކަމަށާއި އެ ޑްރޯންތައް އިންޓަސެޕްޓުކޮށް ވައްޓާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަނެއްކޮޅުން އީރާނުން ބުނި ގޮތުގައި ނިއުކްލިއާ ފެސިލިޓީތަކަށް ސަހްޔޫނީން ދިން ހަމަލާތަކަށް ފަހު ރޭޑިއޭޝަން ލީކުވުން ފަދަ އެއްވެސް ކަމެއްގެ ނިޝާނެއް އަދި ނުފެނެ އެވެ.

މިއަދުގެ ފަތިހު ސަހްޔޫނީން ދިން ހަމަލާތަކާ ގުޅޭގޮތުން ސަހްޔޫނީންގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.

ވީޑިއޯ މެދުވެރިކޮށް ދިން އެ މެސެޖުގައި ނަތަންޔާހޫ ބުނީ އިރާނުގެ ފަރާތުން އިޒްރޭލަށް އޮތް ނުރައްކާ އެއްކޮށް ނައްތައިލެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން މި އޮޕަރޭޝަނަށް ނަން ދީފައި ވަނީ "ނޭޝަން އޮފް ލަޔަންސް" ގެ ނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved