ރައީސް ޔާމީން / ޕީޕީއެމް
ސިޔާސީ
ރާއްޖެ މިއޮތީ އިކޮނޮމީގައި ބޭންކުރަޕްޓު މާނަކުރާ ގޮތުން ނަމަ ބޭންކުރަޕްޓު ވެފައި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖޫން 2025
މާލެ ސިޓީ

ރާއްޖެ މިއޮތީ އިކޮނޮމީގައި ބޭންކުރަޕްޓު މާނަކުރާ ގޮތުން ނަމަ ބޭންކުރަޕްޓު ވެފައި، ނުވަތަ ރާއްޖެ މިހާރު މިއޮތީ ބަނގޫރުޓުވެފައި ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ބުރާސްފަތި ދުވަހުރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފެންނަން ހުރި ހިސާބުތަކަށް ބަލައި، އިގްތިސާދީ ނަޒަރަކުން ބަލައިނަމަ ރާއްޖެ މިހާރު މި އޮތީ ބަނގުރޫޓުވެފައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހިސާބުތަކާއި ހިސާބު އަކުރުތައް ދޮގު ނުހަދާނެ ކަމަށެވެ.

ރާއްޖެއިން ދަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދައްކަން ހުރި ބޮޑެތި ދަރަނިތައް ފިޗުން ވަނީ ފާހަގަކޮށްފަ އެވެ. "ސީސީ" ރޭޓިން އަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިން އެކެވެ.

ރާއްޖެ އޯލްރެޑީ މިއޮތީ، ޓެކްނިކަލީ ބަނގުރޫޓުގެ މާނައަށް ބަލާކަމަށް ވަންޏާ، އިގްތިޞާދުގައި ބޭންކްރަޕްސީ ނޫނިއްޔާ އިންޓަނޭޝަނަލް އިކޮނޮމިކްސްގައި ބޭންކްރަޕްސީގެ މާނައަށް ބަލާކަމަށް ވަންޏާ ރާއްޖެ މި އޮތީ ބޭންކްރަޕްޓު ވެފައި

- ރައީސް ޔާމީން

ރާއްޖެއިން އެންމެ ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާ އިންޑިއާއާއި ޗައިނާއަށް ނިސްބަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ލޯނުތަކުގެ ފައިސާ އަނބުރާ ލިބޭ ފަރާތްތައް ނުވަތަ ގައުމުތަކުން އެކަން އިއުލާނު ނުކޮށްފާނެ ކަމަށެވެ. އެ ދެ ގައުމާއި ރާއްޖެ ބާއްވާ ގުޅުމުގެ ސަބަބުން މި ހާލަތުގައި ރާއްޖެއާމެދު އަދި އޮތީ ވަރަށް ކެތްތެރިކޮށް ކަމަށް ޔާމީން ވިދާޅުވިއެވެ.

މިހެން ކަންކަން އޮތްއިރު، އިގްތިޞާދީ ގޮތުން ކަންކަން އޮޅުންނުފިލާ މީހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ތައުރީފް ކުރުމުގެ ގޮތުން، ހާލަތުގެ އަސްލު ފޮރުވޭ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫން" ކަމަށް ޔާމީން ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" ގައި ދަމަހައްޓަން އިއްޔެ ނިންމުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ބުނުމުގެ ޖާގަ އޮތް ސަބަބަކީ ބޭރު ގައުމުތަކަށް ދައްކަން އޮތް ދަރަނި ނުދެއްކޭ މިންވަރަށް ރާއްޖޭގެ ރިޒާވް ދަށްވެފައި ވުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved