

ސަހްޔޫނީން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ރޭ ވަރުގަދަ ހަމަލާތަކެއް ސަހްޔޫނީންނަށް ދީފި އެވެ.
ސަހްޔޫނީން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރޭ ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ އެކި ފެންވަރުގެ މަސްއޫލުވެރިންވަނީ ސަހްޔޫނީންނަށް "ތަދުވާވަރުގެ" ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އެއާއެކު ރޭ އީރާނުން ފޮނުވި މިސައިލް ހަމަލަތަކެއް ވަނީ ސަހްޔޫނީންގެ ވެރިރަށް ތެލްއަވީވަށް އަރައިފައެވެ. މަދުވެގެން ތެލްއަވީވުގެ މެދުތެރޭގެ ހަ ސަރަހައްދަކަށް ހަމަލަ އަމާޒުވިއެެވެ. އެކާވީހަށްވުރެ ގިނަ މީހުންނަށް މިހާތަނަށް އަނިޔާވެފައިވާކަމަށް ސަހްޔޫނީންގެ އެމްބިއުލާންސް ޚިދުމަތުން ބުންޏެވެ.
މީގެ އިތުރުން އީރާނުން މިހާރު ވަނީ މިސައިލް ހަމަލަތަކުގެ ތިންވަނަ ރާޅެއް ވެސް ސަހްޔޫނީންނަށް އަމާޒުކޮށް ލޯންޗުކޮށްފައި ކަމަށް އީރާނުން ބުނެ އެވެ.
ރުއިޓާސް އާއި ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަހްޔޫނީންގެ ވެރިރަށް ގޮތުުގައި ބަލާ ގުދުސްއަށާއި ސަހްޔޫނީންގެ އެންމެ ފުރަތަމަ ވެރިކަން ކުރި ތެލް އަވީވް އަށް ވެސް އިރާނުގެ މިސައިލްތައް ދަނީ އަމާޒުވަމުންނެވެ. މިހާރު އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ވެސް އެ މަންޒަރުތައް ފެނެ އެވެ.
އީރާންގެ އިތުރު ހަމަލާތަކެއް އަނެއްކާވެސް އައިސްދާނެ ކަމަށް ބެލެވޭތީ، ސަހްޔޫނީންގެ އެކި ސަރަހައްދުތަކުގައި އާންމުން ބޭރަށް ނުނިކުތުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ. މިއީ ފަހުގެ ތާރީހެއްގައި ސަހްޔޫނީންނަށް އަމާޒުކޮށް އީރާނުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.