

އީރާނާ ދެކޮޅަށް ސަހްޔޫނީން ދިންހަމަލާތަކުގެ ބަދަލުގައި އެ ގައުމުން ޔަހޫދީ ދައުލަތަށް ވަރުގަދަ ހަމަލާތަކެއް ދިނުމުން ޔަމަން ރައްޔިތުން އެ ހަމަލާތައް ބޮޑު ސްކްރީނުން ބަލާ އުފާ ފާޅުކޮށްފި އެވެ.
ޔަމަނު ރައްޔިތުން ބުނީ ގާޒާގެ ކުށެއްނެތް އެތަށް ކުޑަކުދިންނާއި ޔަތީމުން އަދި އުމުރުން ދުވަސްވީ މީހުނަށް ބެލުމެއްނެތި ސަހްޔޫނީން ދެމުންދާ އުދުވާނީ ހަމަލާތަކަށް އީރާނުން ދިން ޖަވާބުން ސަހްޔޫނީންނަށް އެއްޗެއް ވިސްނޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއީ އިރާނުން ޔަހޫދީންނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާ އެވެ.
ސަހްޔޫނީންގެ އާންމުންނާއި ލީޑަރުން ރޭން ފެށިގެން އަދި ވެސް ތިބީ އީރާނުން ދީފާނެ ހަމަލާތަކަކުން ސަލާމަތްވުމަށް ބަންކަރުތަކާއި ބިންގަރާސްތަކަށް ވަދެ ފިލާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މިއީ މުއްދަތު ދިގުވެއްޖެނަމަ ބޮޑުވޭނަކަށް ވާނެ ކަމެކެވެ. ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އެތައް ހާސް ބަންކަރަކަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އީރާނުން ދިން މިސައިލު ހަމަލާގައި ޔަހޫދީންގެ 50 މީހުންނަށް ވަނީ ޒަޚަމްވެފަ އެވެ. އެ ހަމަލާގައި ސަހްޔޫނީންގެ އަސްކަރިއްޔާގެ މައި އިދާރާ ހިމެނޭ ގޮތަށް ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ދީފައެވެ. ސަހްޔޫނީން ވަނީ އީރާނުން ދިން މިސައިލު ހަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގުން މަނާ ކޮށްފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ސަހްޔޫނީންނަށް އީރާނުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މި ހަމާލަތައް ސަހްޔޫނީންގެ ވަޒަނަށް އަމާޒުވުމުން ގާޒާގެ ރައްޔިތުން ވެސް ވަނީ އުފާފާޅުކޮށްފައި އެވެ.
އީރާންގެ އިތުރު ހަމަލާތަކެއް އަނެއްކާވެސް އައިސްދާނެ ކަމަށް ބެލެވޭތީ، ސަހްޔޫނީންގެ އެކި ސަރަހައްދުތަކުގައި އާންމުން ބޭރަށް ނުނިކުތުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.