

ސަހްޔޫނީން އިސްވެ އީރާން އަށް ދިން ހަމަލާތަކުގެ ރައްދު ވަރުގަދަވެ ސަހްޔޫނީންގެ ފުރާނަ ނުރައްކަލަކަށް ހުށެއެޅެން ފެށުމުން އެމީހުންގެ "ބައްޕަ" އެމެރިކާ އިން މަނަވަރުތަކަާއި ހަތިޔާރު އަދި ސިފައިން މެދުއިރުމައްޗަށް ޖަމާކުރަން ފަށައިފި އެވެ.
އެމެރިކާގެ އަސްކަރީ މަނަވަރެއް ވެސް އިއްޔެ ވަނީ މެދުއިރުމައްޗަށް ދަތުރު ފަށާފައެވެ. އެމެރިކާގެ ވައިގެ އަސްކަރީ އުޅަނދުތައް އުފުލާ އެ މަނަވަރު މެދުއިރުމައްޗަށް ދަތުރު ފެށީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުންނެވެ.
މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި ސިންގަޕޫރު ހިއްސާ ކުރާ މަލަކާ ކަނޑުއޮޅިން އެމެރިކާގެ އަސްކަރީ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ނިމިޓްޒް އިންޑިއާ ކަނޑަށް ނުކުންނަން ދަތުރު ފަށާފައިވާ ކަމަށް ކަނޑު އުޅަނދުތަކުގެ ޓްރެކިން މޮނިޓާކުރާ "މެރިން ޓްރެފިކް" އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެ މަނަވަރު އިންޑިއާ ކަނޑު ހުރަސްކޮށް މެދުއިރުމަތީގައި މިހާރު ވެސް ހުރި އެމެރިކާގެ ހަނގުރާމަ މަނަވަރުތަކާ ގުޅޭނެ ކަމަށް ބެލެވެ އެވެ. އަސްކަރީ މި ކެރިއާ މެދުއިރުމައްޗަށް ދަތުރު ފަށާފައި މި ވަނީ، އިޒްރޭލާއި އިރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާގެ ވަދެފާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ސަހްޔޫނީންނާ ދެކޮޅަށް ހަމަލާތައް ދިނުމުގެ އިތުރުން އީރާނުން ދަނީ ޔަހޫދީން އީރާނަށް އަމާޒު ކުރަމުންދާ ހަމަލާތައް ވެސް ހުއްޓުވަމުންނެވެ. ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން މިހާތަނަށް އީރާނުން ވަނީ ޔަހޫދީންގެ ހަތަރު ޖެޓު ވައްޓާލައި 100އަށްވުރެ ޑްރޯން ވަނީ ހުއްޓުވާފަ އެވެ.
ޔަހޫދީންގެ އެންމެ ފަހުގެ ހަމަލާތަކުގައި އީރާނުގެ ދައުލަތުގެ މީޑިޔާއަށް ވަނީ ހަމަލާ ދީފައެެވެ. މި ހަމަލާގެ ސަބަބުން ސަހްޔޫނީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެ އެވެ.
އީރާނުން ސަހްޔޫނީންނަށް ހަމަލާދޭ ބާރުގަދަ ހައިޕާސޮނިކް މިސައިލްތައް ސަހްޔޫނީންގެ ބިންގަރާސްތައް ވެސް ފޫއަޅުވާލަމުންދާތީ މުޅި ސަހްޔޫނީންގެ ތެރޭގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށް އެމީހުންގެ ޓީވީ ނެޓްވާކެއް ކަމަށްވާ ޗެނެލް 12 އިން ވަނީ ބުނެފައި އެވެ.
މިކަަމަށް އެހީވާން އެމެރިކާއާއި އިނގިރޭސީން މަސައްކަތް ފަށާ މެދުއިރު މައްޗަށް މަނަވަރު ޖަމާ ކުރަމުން އަންނާތީ އީރާނުން ވަނީ ދުޝްމަނުންނަށް އެހީވާ ގައުމުތަކުގެ އަސްކަރީ ބޭސްތަކަށް ހަމަލަދޭން ފަސްނުޖެހޭނެ ކަމަށެވެ. މިފަދަ ހާލަތެއްގައި އެމެރިކާގެ އެއާކްރާފްޓް ކެރިއާ މަނަވަރަށް އީރާނުގެ މިސައިލެއް އަރައި އޭތި ގޮވައިފިނަމަ އެއީ އެމެރިކާ "ސައިޒް" ވާނެ ކަމެކެވެ. މިހާރު ވެސް އީރާނުގެ އަސްކަރީ ގާބިލުކަން ފެނި އެމެރިކާ ވަނީ ފިޔަވަޅެއް ފަހަތައް ޖެހިފައި ކަމަށް އަސްކަރީ މުރާސިލުން ބުނެ އެވެ