February 22, 2026
Advertisement
ޓީއެމްއޭގެ ސީޕްލޭން އެއް
ޓީއެމްއޭގެ ސީޕްލޭން އެއް / ސޯޝަލް މީޑިއާ

ޓީއެމްއޭގެ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭން ނިންމައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 18, 2025, 07:46 PM
މާލެ ސިޓީ

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ސަރުކާރުން މަޖުބޫރުކުރުމާ ގުޅިގެން ޑޮލަރުގެ ދަތިކަން މިވަނީ ބޮޑު ވެފައެވެ.

Advertisement

މިސަބަބާއި ހުރެ މީގެ ކުރިން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުން ގެ މުސާރަ ޑޮލަރުން ދެމުން އައި ނަމަވެސް މިހާރު މިވަނީ، މުސާރަ ރުފިޔާއިން ދިނުމަށް ނިންމައިފަ އެވެ.

މި ހިނގާ ޖޫން މަހުން ފެށިގެން މުސާރަ ޖަމާކުރާނީ ބޭންކް ރޭޓުގައި ކުރިން ޑޮލަރުން ދެމުން އައި މުސާރައަށް ޖެހޭ ވަރުގެ ރުފިޔާ ކަމުގައި އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވެއެވެ.

މި ސަބަބާއި ހުރެ ޓީއެމްއޭގެ މުވައްޒަފުންނަށް އާމްދަނީ ދަށްވާނެ އެވެ.

ރާއްޖޭގައި ޑޮލަރުން މުސާރަ ލިބޭ ގިނަ މީހުން އެ ޑޮލަރު މާރުކުރަނީ ކަޅު ބާޒާރަށެވެ. ކަޅު ބާޒާރުގައި މިހާރު ހުރި ރޭޓުތަކަށް ބަލާއިރު ރުފިޔާއިން މުސާރަ ދޭން ފެށުމުން ކޮންމެ 100 ޑޮލަރަކުން ޓީއެމްއޭގެ މުވައްޒަފުންނަށް 400 އެއްހާ ރުފިޔާ ގެއްލޭނެ އެވެ.

ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް، ޓީއެމްއޭގައި މިވަގުތު 1،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ޑޮލަރު މާރުކުރަން މަޖުބޫރުކުރުވުމާއެކު ބައެއް ރިސޯޓުތަކުން ވަނީ ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއަށް ބަދަލުކޮށްފަ އެވެ. މުސާރައިގެ އިތުރުން ބައެއް ރިސޯޓުތަކުން ދަނީ ސާވިސް ޗާޖު ވެސް ޑޮލަރުން ދިނުމާމެދު މަޝްވަރާ ކުރަމުންނެވެ.

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން އިތުރުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 19.50ރ. ގަ އެވެ.

ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 އިންސައްތަ އެވެ. ނަމަވެސް މިހާރު ޑޮލަރުގެ އަގު އުފުލި،ބޮޑެތި ކުންފުނިތަކާއި، ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 އިންސައްތަ އެމްއެމްއޭއަށް ނަގަން ނިންމާފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved