theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދޮގު ހެއްދެވޭ ލެއް ހަމަ ގިނައީ އެވެ. ހައްޖުގެ އަޅުކަމަށް ފަހު ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ދޮގު ހެއްދެވޭ ލެއް ހަމަ ގިނައީ އެވެ. ހައްޖުގެ އަޅުކަމަށް ފަހު ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމެވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
19 ޖޫން 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ރައްޔިތުންނާއި ދެމެދު އޮތް އެންމެ އުނދަގޫ އެއް ފާރަކީ އެމަނިކުފާނުގެ ކިބައިގައި އަށަގަނެފައިވާ ދޮގު ހެދުން ނުވަތަ އިތުރުފުޅު ހެއްދެވުމުގެ އާދަ އެވެ.

އޭގެ ތެރޭގައި ކުދި ދޮގާއި ބޮޑެތި ދޮގެވެ. ބޮޑު ދޮގުގެ ތެރޭގައި ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ބުނުމާއި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމާއި އިންޑިއާ ސިފައިން ބޭރުކުރާނެ ކަމަށް ބުނެ ރައީސް ޑރ. މުއިއްޒު ދައްކަވާ ވާހަކަ ތަކެވެ.

މިކަންކަން ނުވެ އަދި މިކަން ކުރުމަށް ސާފު ހިތަކާއިގެން ހެޔޮ ނިޔަތުގައި ކުރާ މަސައްކަތެއް ފެންނަން ނެތުމުން މި ވާހަކަތައް ހިމެނެނީ އެމަނިކުފާނުގެ ބޮޑު ދޮގުތަކުގެ ތެރޭގައި އެވެ.

ކުދި ނަމަވެސް ބޮޑު އިތުފުޅެއްގެ ގޮތުގައި މިދުވަސް ކޮޅު ދެކެވޭ އެއް ވާހަކަ އަކީ ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ބުނެ ހެއްދެވި ދޮގެވެ. މުއިއްޒު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑު ނުވާނެ ކަމަށާއި ދެން ފެންނާނީ ޑޮލަރު އަގު ތިރިވާތަން ކަމަށެވެ. ނަމަވެސް މި ކަމުގައި ވެސް އެމަނިކުފާނުގެ އިހްލާސްތެރިކަމެއް ނެތުމުގެ "އަނިޔާ" ދިވެހި ވިޔަފާރިތަކުން މިއަދު އެ ދަނީ ލިބިގަންނަމުން ނެވެ.

އެމަނިކުފާނުގެ ކުދި ނަމަވެސް ބޮޑު އިތުރު ފުޅެއްގެ ގޮތުގައި މި ދުވަސްކޮޅު މަޝްހޫރުކޮށް އުޅޭ އަނެއް ކަމަކީ 100 ދުވަސް ތެރޭ ޕޭޕާލް ގެންނާނެ ކަމަށް ބުނެ ދިވެހި ޒުވާނުންނަށް ހެއްދެވި ދޮގެވެ.

ރާއްޖޭން ބޭރުން އަންނަ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ކަންކަން ބައްޓަން ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް، ވެރިކަމަށް 18 މަސް ވީއިރު ވެސް ސަރުކާރުގެ އޮފީހަކުން ވިޔަސް އަދި ރާއްޖޭގެ ބޭންކަކުން ވެސް އެ މަސައްކަތް ކުރިއަށްގެންދާތަން ނުފެނެ އެވެ. މިހާރު ބުނަނީ އެ ހިދުމަތް ރާއްޖެއަށް ފުޅާކުރެވިފައި ނުވަނީ ޕޭޕާލް ކުންފުނީގެ ނިންމުމެއްގެ ސަބަބުން ކަމަށެވެ. ރައީސް މުއިއްޒު ސަރުކާރުގެ ނާގާބިލުކަމާއި ނުކުޅެދުން ތެރިކަން ފޮރުވަން މިކަން ވެސް މިޖެހީ އެހެން ބައެއްގެ ބޮލަށެވެ.

މިފަދަ އެހެން މިސާލެކެވެ.

ސިޔާސީ މުވައްޒަފުންނާއި ސަރުކާރުން ހަރަދު ކުޑަކުރަން ވަކިކުރި ކަމަށް އިއުލާނުކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. ސަރުކާރުގައި އެކި ފެންވަރުގައި އައްޔަންކޮށްފައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް ލިޔުމުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު އެ ދުވަހު އިއުލާނުކުރެއްވި އެވެ.

އެކަމަކު، އެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މިއަދަށް ފަސް ހަފުތާއެއްވީއިރު މިހާތަނަށް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މީގެ އެތައް މަހެއް ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ވެސް މިހާތަނަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މިފަދަ ކިތަންމެ ދޮގެ ކެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުނުއިރު މުޅި ރަށު ތެރެއިން އިވޭން ފެށި 100 ދޮގެއްގެ ވާހަކަ މީގެ ކުރިން ވެސް ވާނީ ގެނެސްދީފައި އެވެ. މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓްރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ.

ދޮގު މައްޗަށް ދޮގެވެ. ދޮގު ފޮރުވަން އިތުރު 100 ދޮގު ވެސް އެބަ ހައްދަވަ އެވެ. މާތް މަނިކުފާނު އެވެ. ނިކަމެތި އަޅުގަނޑުގެ ނަސޭހަތެއް މިއަދު އެބަ އޮތެވެ. ހެޔޮނުވާ ނެއެވެ. އިތުރު ރިޔާސީ ދައުރެއްގެ ހުވަފެން ދެކި ތިޔަ ހައްދަވާ ދޮގުތަކުން ދުރުވެލައްވާށެވެ.

އެންމެ ފަހުން ތިޔަ ވަޑައިގަތީ ހައްޖުގެ މާތް އަޅުކަމަށް ފަހު އެވެ. ތިޔައީ މިހާރު މުޅިން އާ ހަށިގަޑެކެވެ. އަލުން ދުނިޔެއަށް ފޮނުއްވިފައިވާ އިންސާނެތް ފަދަ އެވެ. އަބޫހުރައިރަތުގެފާނު ވިދާޅުވެފައި ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވީތީ ތިމަން އަޑުއެއްސެވީމެވެ. "ﷲއަށް ޓަކައި މީހަކު ހައްޖަށް ގޮސް، އަރައިރުންނުވެ، ފާސިގުމަގުން އެއްވެސް ކަމެއްނުކޮށް އުޅެފި މީހާ، އެނބުރި އަންނަހުށީ އޭނާގެ މަންމަގެ ބަނޑުން ވިހެއި ދުވަސް ފަދައިންނެވެ. (އެބަހީ ފާފައިން ޠާހިރުވެފައިހުރި މީހެއް ފަދައިންނެވެ.)"

އިސްލާމްކަމުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އިބުރާހީމު ޢަލައިހިއްސަލާމުގެ ސުންނަތް ދިރުވައި ފާފަތަކުން ޠާހިރު ވެ އީމާންކަން ވަރުގަދަ ކޮށްލުމަށް މުސްލިމުންނަށް ލިބޭ ފުރުސަތެކެވެ.

ވީމާ، ހައްޖުގެ އަޅުކަމުން ލިބިދޭ މި އަގު ހުރި ފިލާވަޅުން އިބުރަތް ހާސިލު ކޮށްގެން، މަނިކުފާނުގެ ސިޔާސީ ރަހްމަތް ތެރިންގެ ތެރޭގައި ވާ ބައިބައި ވުމާއި ދޮގުހެދުމާއި ހަސަދަ ވެރިވުމާއި ދެކޮޅުވެރި ވުމުގެ ސުންޕާކަން ފިލުވައިލައި އެއްބައިވަންތަ ބަޔަކަށް ވަމާ ހިންގާވާށެވެ.

ގަބޫލުކުރަންވީ ހަގީގަތަތަކީ، ފާފަ ފުހެވި ތާހިރުވުންވަނީ މައްކާއިން އެނބުރި އައުމުން ނޫންކަމެވެ. މި ސަބަބަށް ޓަކައި ހައްޖު ދަތުރެއް ދެވުނީތީ އަދި ހައްޖުން އެނބުރި އާދެވުނީތީ އެކަމުގެ މައްޗަށް ފަހުރުވެރި ނުވާށެވެ. އެ މީހެއްގެ ކިބައިން މާތް ﷲ ހައްޖު ގަބޫލުކުރެއްވި ކޮންމެ މީހަކަށް އެ ލިބުނީ މަބުރޫރު ހައްޖެކެވެ.

ހެޔޮ ކަމުގައި ދެމިހުރެވޭތޯއާއި ﷲގެ ރުހިވޮޑިގަތުން ލިބޭތޯ އެއިލާހުގެ ހަޟްރަތަށް އެނބުރި ރުޖޫއަވެ، ގިނަގިނައިން ތައުބާވުން މަތީ ދެމިހުރެ އިސްލާހުވާށެވެ.

މަނިކުފާނާއި ދިވެހި ރައްޔިތުނާއި ދެމެދު އޮތް އެންމެ ބޮޑު "ޝަކުވާ" އަކީ މަނިކުފާނަށް ދޮގު ހެއްދެވޭލެއް ހަމަ ގިނައީ އެވެ. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތީ މިކަމުގައި އެވެ. މަނިކުފާނުގެ ކިބައި ތިޔަ ހުންނެވި ދޮގު ހެއްދެވުމުގެ އާދަ ހައްޖުގެ އަޅުކަމަށް ފަހު ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved