

ސަހްޔޫނީއިން އީރާނުގެ މުހިންމު ނިއުކްލިއަރ މަރުކަޒަކަށް ހަމަލާދިނުމާއި ގުޅިގެން، ރައްދުގައި އީރާނުން ސަހްޔޫނީގެ ހޮސްޕިޓަލަކަށް މިސައިލް ހަމަލާއެއް ދީފިއެވެ.
އީރާނުގެ އަރަކް ސަރަހައްދުގައި ހުރި ކޮންދާބް ނިއުކްލިއަރ ރިއެކްޓަރަށް ރޭގަނޑުގެ ވަގުތެއްގައި ހަމަލާދީފައިވެއެވެ. މީގެ އިތުރުން ނަތަންޒް ސަރަހައްދުގައި ހުރި ނިއުކްލިއަރ ހަތިޔާރު ތަރައްގީކުރުމަށް ބޭނުންކުރާ ސާމާނު ހުރި ތަނަކަށްވެސް ހަމަލާދީފައިވާކަމަށް ސަހްޔޫނީގެ މިލިޓަރީން މައުލޫމާތު ދީފައިވެއެވެ.
އީރާނުގެ ރައްދު ހަމަލާދީފައިވަނީ ސަހްޔޫނީގެ ދެކުނު ސަރަހައްދުގައި ހުރި ހޮސްޕިޓަލަކަށެވެ. މި ހަމަލާގައި 5 މީހުންނަށް ބޮޑެތި އަނިޔާވެފައިވާ އިރު، އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ސަހްޔޫނީންގެ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ބުނެފައިވެއެވެ.
މި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ މި ނުރައްކާތެރި ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތީގެ ސަރަހައްދު އިތުރަށް ހަލަބޮލިވެ، ދުނިޔޭގެ ބޮޑެތި ބާރުތައް މި ހަނގުރާމައިގައި ބައިވެރިވެދާނެކަމުގެ ބިރު އުފެދިފައިވެއެވެ.