މޫސުން ގޯސްވެ، 9 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވަނީ މ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މިރޭ 18:55 އިން ފެށިގެން 22:30 އާއި ހަމައަށެވެ.
މެޓުން ނެރެފައިވާ މި ސަމާލުގައި ވިދާޅުވީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މެޓް އޮފީހުން ވަނީ ހަވީރު 17:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށް އެ ސަރަހައްދަށް ހުދު ސަމާލު ވެސް ނެރެފައެވެ. މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މާދަމާ ހެނދުނު 06:00 އާއި ހަމައަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، މެދު ރާއްޖެ ތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.