

ރައީސް އަބްދުﷲ ޔާމީންގެ މޭސްތިރިކަމުގެ ދަށުން ތަރައްގީ ކުރަން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ ޖުލައި 26 އަށް ހުޅުވުމުމުގެ ކައުންޓް ޑައުންއެއް އެމްއޭސީއެލް އިން މިއަދު ފަށައިފި އެވެ.
މި ކައުންޓްޑައުން ފެށުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް މުހައްމަދު ޝަރީފެވެ.
އެމްއޭސީއެލް އިން ނިންމާފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި އަހަރުގެ ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލްގެ އެއްބައި ބޭނުންކުރަން ފަށާށެވެ. އެއާ އެކު، އެ ދުވަހު އާ ޓާމިނަކް ރަސްމީކޮށް ހުޅުވުނީ އެވެ.
ޓާމިނަލް ހުޅުވުމަށް ފަހު އޮގަސްޓް މެދާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ގައުމީ އެއާލައިނުންނެވެ. އަދި އެއަށް ފަހު 10 އެއާލައިނެއް އާ ޓާމިނަލަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީވެސް ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
މި މިޝްރޫއަކީ ރައީސް ޔާމީންގެ ތަރައްގީގެ ތަސައްވުރުގެ ތެރެއިން އެ ކަމުގެ ފުރިހަމަކަން ދައްކުވައިދީ އިގްތިސާދީ އެތައް ފައިދާއަކާ ގުޅިގެންދާނެ ކަމެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެ އެވެ.