

ކައުންސިލަރުންގެ އަދަދާއި ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރާތީވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހުގެ ފާނޑުކިޔުން ބާރަށު މައިކަށް - ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އަށް އަމާޒުކުރައްވައިފި އެވެ.
ޝުޖާއު މިފަހުން ވަނީ ކައުންސިލަރުންގެ އަދަދު މަދުކޮށް، މުސާރައާއި އިނާޔަތްތައް އާބާދީއާ އެކަށީގެންވާ ވަރަށް ކުޑަކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމަށް ގަރާރެއް މަޖިލީހަށް ހުށައަޅުއްވާފައި އެވެ.
އެ ގަރާރުގައި ކައުންސިލަރުންގެ އަދަދުތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ޚަރަދު ބޮޑުވެ، އިގްތިސޯދުކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާންކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ ރަށަކުން މަދުވެގެން ފަސް ކައުންސިލަރުން ތިބެން ލާޒިމުކޮށްފައި އޮތް އޮތުން ރަނގަޅުތޯ ސުވާލުއުފައްދާފައިވެއެވެ.
ފާއިތުވި 15 އަހަރުތެރޭ ލޯކަލް ކައުންސިލްގެ ހަތަރު އިންތިޚާބެއް ބާއްވައި، އެތައް ހާސް ކައުންސިލަރުންނެއް އިންތިޚާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެ ނިޒާމަށް ޚަރަދުކުރި ނަމަވެސް އެ ނިޒާމުގެ ސަބަބުން ރަށްތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނާން ނެތްކަން ވަނީ ގަރާރުގައި ފާހަގަކޮށްފައެވެ. ޚާއްސަކޮށް އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އޮންނަ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމަށް ވެސް މި ގަރާރުގައި ޚިޔާލުފާޅުކޮށްފައިވެއެވެ. އެގޮތުން ކައުންސިލަރުންގެ މުސާރައަށް ބޮޑު ހޭދައެއްކުރާއިރު އެއީ އެކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފައްދާފައިވެއެވެ. އެ ނިޒާމުގައި ދެކޮޅުނުޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކޮށް ގަރާރުގައި ބުނީ ޒިންމާތައް ބޮޑު، އާބާދީ ބޮޑު ރަށްރަށާއި، މީހުން މަދު އަދި ކުރާނެ މަސައްކަތް މަދު ރަށްރަށުގެ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ވެސް އެއްވަރު ކަމަށެވެ.
މިކަމާއި ނުރުހުން ފާޅުކޮށް މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މުވައްޒަފުން ގިނަވެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ހަމައެކަނި ކައުންސިލަރުންނާއި ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ހުށަހަޅައިގެން ބާރަށު މައިކު މިއުޅެނީ ކައުންސިލްތަކަށް ދޫކުރާ ފައިސާކޮޅުވެސް ޕަކަޅާލަން ކަމަށެވެ.
މަލީހް ފަދައިން ޝުޖާއު ހުށައެޅުއްވި ގަރާރަށް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވި އެވެ.
ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް، މެންބަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅެވެ. އެގޮތުން ކައުންސިލަރުންގެ އަަދަދު މަދުކުރުމަކީ އެންމެ ފުރަތަމަ ރައީސް މީޑިއާއަށް ހާމަކުރެއްވި ޚިޔާލުފުޅެވެ.