theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލިޔުމެއްގައި ސޮއި ކުރައްވަމުން ގެންދަވާއިރު، ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ މަގާމުގެ ހުވާ ކުރައްވާ ދުވަހު ތުލްސީ ގަބާޑް އޭނާގެ ކައިރީގައި ހުއްޓިގެން / ދި ވޮޝިންޓަން ޕޯސްޓް
ދުނިޔެ
އީރާނުން ނިއުކްލިއާ ހަތިޔާރެއް ނުހަދާ: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 ޖޫން 2025
މާލެ ސިޓީ

އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާ ކަމަށާއި، އެ ގައުމުން ސަސްޕެންޑުކޮށްފައިވާ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް އަލުން ފަށަން އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ހުއްދަ ނުދެއްވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް، ތުލްސީ ގައްބާޑް ވިދާޅުވެއްޖެ އެވެ.

ގަބާޑް މިދިޔަ މާޗު މަހު ކޮންގްރެސްއަށް ހެކިބަސް ދެއްވިއިރު، އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން އަދިވެސް ގަބޫލުކުރާ ގޮތުގައި ތެހެރާނުން ނިއުކްލިއާ ވޯހެޑެއް ނުއުފައްދަ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ކަމަށް އެ ގައުމުން އަންނަނީ ބުނަމުންނެވެ. އީރާނުން ބުނެފައި ވަނީ ޔޫރޭނިއަމް ފައްކާކުރުމުގެ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ގަބާޑް ދިން އިވެލުއޭޝަން އަދިވެސް އޮތީ އެގޮތުގަ އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައި ވަނީ އީރާނުން އިހްތިޔާރުކުރާ އަމާޒަކަށް ހަމަލާދެވޭނެ ފަދަ ވޯހެޑެއް އުފެއްދުމަށް އަދި މަދުވެގެން ތިން އަހަރަށް ވުރެ ދިގު މުއްދަތެއް ނަގާފާނެ ކަމަށެވެ.

ނަމަވެސް މި ވާހަކަތައް އެމެރިކާގެ ރައީސް ޓްރަމްޕް ގަބޫލެއް ނުކުރައްވަ އެވެ. ޓްރަމްޕް ވިދާޅުވާ ގޮތުން ގައްބާޑް ކޮންމެ ވާހަކައެއްް ދެއްކެވިއަސް އޭނާ ގަބޫލް ކުރައްވާ ގޮތުގައި އިރާން އޮތީ ނިއުކުލިއަ ބޮމެއް ހަދާ ހިސާބަށް ވާސިލްވެފައި އެވެ.

އޭބީސީ ނޫހުން ވާހަކަ ދެއްކި ޖާސޫސީ މަސްދަރަކުން ބުނި ގޮތުގައި ޓްރަމްޕް ބޭނުންފުޅު ވަނީ އީރާނުގެ ބިމުގެ އަޑީގައި ހުރި ފޯޑޯ ނިއުކްލިއާ ޕްލާންޓް ހަލާކުކޮށްލުމަށެވެ. އެއީ ބޯ ކޮންކްރީޓުން ހިޔާކޮށްފައިވާ, އަދި ފަރުބަދައެއްގެ ތެރޭގައި ހުންނަ ތަނެކެވެ.

އެކަމަށް މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށާއި، ދޭން ރާވަފައި ވަނީ ހަމައެކަނި އެންމެ ހަމަލާއެއް ނޫން ކަމަށް އޭބީސީން ނޫހުން ބުނެފައިވެއެވެ. ހަމަލާ ދޭނަމަ, ހަމަލާދޭނީ އެމެރިކާގެ ބީ2 ސެޓްލް ބޮން ގޮއްވާ ބޯޓުތަކަކުންނެވެ. އެ ބޯޓުތަކަކީ އެއްފަހަރާ 30،000 ޕައުންޑު ބޮން އެޅޭ ޒާތުގެ ބޯޓުތަކެކެވެ.

އީރާނަށް ހަމަލާ ދިނުމުގައި އަދި ގޮތެއް ނުނިންމަވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އީރާނުން އެއްވެސް ޝަރުތަކާ ނުލައި އަމާން ދިނުމަށް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved