

ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ ބުދަ ދުވަހު ނިޔާވި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ ގރ.2، އަލްމަރްހޫމު އަލީ ހާމިދުގެ އާއިލާއަށް ރައީސް އަބްދުﷲ ޔާމީންއާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފަރާތުން ތައުޒިޔާ އަރިސްކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލާ ދިމާވި ހިތާމަވެރި ހާދިސާގައި ގައުމަށް ޚިދުމަތްތެރި ބޭފުޅަކު ގައުމީ ޚިދުމަތުގައި އުޅުއްވަނިކޮށް އަވަހާރަވެގެން ދިއުމަކީ ހިތާމަވެރިކަމެއް ކަމަށާ އެ ހިތާމައިގައި ބައިވެރިވެވަޑައިގެން މަރްހޫމު ހާމިދުގެ އާއިލާއަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާ އަދި ޕީއެންއެފްގެ ފަރާތުންވެސް ތައުޒިޔާ އަރިސް ކުރައްވާ ކަމަށެވެ.
އަޅުގަޑުގެ އަމިއްލަ ނަމުގައި އަދި ޕީއެންއެފްގެ ނަމުގައި ވެސް ފެމިލީއަށް ތައުޒިޔާ އަރިސްކުރަން. އަދި އެމްއެންޑީއެފުގެ ބޭފުޅުންނަށް ވެސް ތައުޒިޔާ އަރިސްކުރަން.
ރައީސް ޔާމީން ވިދާޅުވީ ހިނގައި ދިޔައީ ހިތާމަވެރި ހާދިސާއެއް ކަމަށާ އެކަމުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ އެކަން މެދުވެރިވި ސަބަބު ސާފުނުވާއިރު، އެމްއެންޑީއެފްއަކީ މޫސުމަށް އެންމެ ސަމާލުވެގެން ދަތުރުތައް ކުރާ ފަރާތްތައް ކަމަށާ ކަނޑުގެ އުޅަނދުތަކުގެ ސީވާދިނަސް ކޮށް ރެންޑަމްކޮށް އަރާ ބަޔަކީ އެމްއެންޑީއެފަށްވާއިރު މި ލޭންޑިން ކްރާފްޓު އެންމެ ފަހުން ކޮން އިރަކުތޯ ޑްރައި ޑޮކް ކުރީ އެމަނިކުފާނު ސުވާލު އުފައްދަވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ހާދިސާ ހިނގާ ދިޔަ ގޮތުން ގަބޫލުކުރަން ދަތިވީމަ މިހިތްދަތިކަން މެދުވެރި ސަބަބު ދެނަގަތުން މުހިއްމު ކަމަށެވެ.