theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މި ޖަނާޒާގައި އީރަނުގެ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެފައިވޭ / އަލްޖަޒީރާ
ދުނިޔެ
ސަހްޔޫނީން ޝަހީދުކޮށްލި ކޮމާންޑަރުންނާއި ސައިންސުވެރިންގެ ޖަނާޒާ ބާއްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ޖޫން 2025
މާލެ ސިޓީ

ޖޫން މަހުގެ 13ވަނަ ދުވަހު ސަހްޔޫނީން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކުގައި ޝަހީދުވި އެ ގައުމުގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިޔާ ސައިންސުވެރިންނާއި ބައެއް އާންމުންގެ ޖަނާޒާ ބާއްވައިފި އެވެ.

އެ ޖަނާޒާގައި އީރަނުގެ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެފައިވެ އެވެ.

އިރާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަނގުރާމައިގައި އެ ގައުމުން 627 މީހުން ޝަހީދުވި އިރު، އިރާނުން ސަހްޔޫނީނަށް ދިން ހަމަލާތަކުގައި ސަހްޔޫނީންގެ 28 މީހަކު މަރުވެފައިވެ އެވެ.

ޝަހީދުވި މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ތެހްރާނުގެ އަޒާދީ ސްކުއެއަރގައެވެ. ޝަހީދުންގެ ހަށިތައް އަޒާދީ ސްކުއެއަރއަށް ގެންދިޔަ ވަގުތު ގިނަ ޢަދަދެއްގެ މީހުން ވަނީ ސަންދޯއްތަކުގެ ފަހަތުން އެ ސަރަޙައްދަށް ގޮސްފައެވެ. ސަންދޯއްތަކުގައި ޝަހީދުވި މީހުންގެ ފޮޓޯއާއި އީރާނުގެ ދިދަ ޖަހާފައިވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ޖަނާޒާގައި ޚާމަނާއީ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ބާރަ ދުވަހުގެ ހަނގުރާމަ ފެށުނު ފަހުން އާންމުންގެ ތެރެއަށް އޭނާ ނިކުމެވަޑައިގެންފައެއް ނުވެއެވެ. މީގެ ކުރިން ބާއްވާ މި ފަދަ ޖަނާޒާތަކުގައި ކުރާ ކަށުނަމާދުތަކުގައި އިމާމުވެ ނަމާދު ކުރައްވަނީ ހާމަނާއީ އެވެ.

އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ބަޔާނުގައި ހާމަނާއީ ވިދާޅުވީ ސަހްޔޫނީންނާއި އީރާނާ ދެމެދު ބަދަލުކުރި ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަދެ އީރާނަށް ހަމަލާ ދިނީ ސަހްޔޫނީންގެ ދައުލަތް އެކީ ނެތި ހިނގައިދާނެ ކަމުގެ ބިރަށް ކަމަށާއި އެމެރިކާއަށް މި ހަނގުރާމައިން ލިބުނު އެއްވެސް މޮޅެއް ނެތް ކަމަށެވެ.

މި ހަނގުރާމައިން އެމެރިކާއަށް ލިބުނު އެއްވެސް މޮޅެއް ނެތް،

- ޚާމަނާއީ

އޭނާ ވިދާޅުވީ މި ހަނގުރާމަ އަކީ އެމެރިކާގެ މޫނުމަތީގައި ޖެހުނު ވަރުގަދަ އެތިފަހަރެއް ކަމަށެވެ. އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ސަހްޔޫނީންނާއި އެމެރިކާއިން ދިން ހަމަލަތަކާ އެކު ފެށުނު ހަނގުރާމައިގެ ކާމިޔާބީ ޚާމަނާއީ އިއުލާނުކުރެއްވި އިރު ސަހްޔޫނީން ވެސް ވަނީ ކާމިޔާބުވީ އެ މީހުންނަށް ކަމަށް ބުނެފަ އެވެ.

ދެ ގައުމުގެ ހަމަލާތަކުގައި އާންމު ރައްޔިތުން މަރުވެފައިވާއިރު، ހަމަލާތައް ހުއްޓާލައިފައިވަނީ އެމެރިކާއިން އީރާނަށް ހަމަލާދީ، އޭގެ ރައްދުގައި އީރާނުންގެ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިން ފަހުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved