

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށްފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ރާއްޖޭން ބޭރަށް ދަތުރުނުކުރާ ކަސްޓަމަރުންގެ ކާޑުތައް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާ އެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ވަނީ ހަދައިފަ އެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރު ކަމަށް ވެސް ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން މި ނިންމުން އާންމުކުރީ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ނިންމާ، ކުރި އިއުލާނުގަ އެވެ. މީގެ ކުރިން ބޭރުގެ އޭޓީއެމްތަކުން އޭރު އޮތް ޑޮލަރު ލިމިޓު ކަމަށްވާ 250 ޑޮލަރާއި ހަމައަށް ބޭރުގެ އޭޓީއެމްތައް މެދުވެރިކޮށް ނަގުދު ފައިސާ ނެގެ އެވެ.
ނަމަވެސް ސަރުކާރުން މިއަދު ގެނައި ބަދަލާއެކު ބޭރުގެ އޭޓީއެމްތަކުން ދެން ނެގޭނީ 125 ޔޫއެސް ޑޮލަރަށްވާ ނަގުދު ފައިސާ އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދޭން ކަމަށެވެ.
މި ގެނައި ބަދަލުތަކާ އެކު ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ މަހު ލިމިޓް ބެލުމުގައި މީގެ ކުރިން ބަލަމުން އައި ގޮތް ބަދަލުކޮށް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.