theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަޖިލިސް / -
ހަބަރު
ރިޔާސީ ދައުރުގެ މެދު ތެރެއިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅައިފި
Mariyam Isaadha
މަރިޔަމް އިސާދާ
08 ޖުލައި 2025
މާލެ ސިޓީ

ރިޔާސީ ދައުރެއްގެ މެދުތެރެއިން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މި ފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ، އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

މި ބިލަށް ބަހުސްކުރައްވަމުން ފައިސަލް ވިދާޅުވީ މި އަންނަ ދައުރުން ފެށިގެން ދައުރުގެ މެދުން ރައީސުލްޖުމްހޫރިއްޔާ އާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ފެންނަ ނުފެންނަ ވޯޓެއް ނަގާގޮތަށް ހިމަނަން ޖެހޭ ކަމަށެވެ.

ސަބަބަކަށް ފައިސަލް ވިދާޅުވެފައިވަނީ، ދައުރުގެ މެދަކާ ހަމައަށްދާއިރު އެ ރައީސުލްޖުމްހޫރިއްޔާއަކާ މެދު ރައްޔިތުންގެ އިހުސާސް ހުރީ ކިހިނެއްތޯ ބެލުމާ އާއި ވައުދު ފުއްދާތޯ ބެލުން ފަދަ ކަންކަން ދިރާސާ ކުރުމެވެ.

މީގެ އިތުރުން ވައުދުވީ ފަދައިން ރައީސުލްޖުމްހޫރިއްޔާއަކު އަމަލު ނުކުރާކަމަށްވާނަމަ ރައްޔިތުންނަށް ބާރު ލިބޭނެ ހެން ދައުރު މެދުން ވިޔަސް އިންތިހާބެއް ބޭއްވޭނެ ގޮތަށް ބިލުގައި ހިމަނަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ހިމަނަންވީ ދައުރުގެ މެދުން، މި އަންނަ ދައުރުން ފެށިގެން ދައުރުގެ މެދުން ރައްޔިތުން ކިހިނެއްތޯ ދެކެނީ ވެރިކަން ކުރާ ބޭފުޅާއާ ދެމެދު. ރަނގަޅަށްތޯ ކުރަނީ، ރައްޔިތުންގެ އިހުސާސް ދެނެގެންތޯ ކުރަނީ، ވައުދު ފުއްދާތޯ. ނުފުއްދާ ކަމަށްވާނަމަ ދައުރު މެދުން، ރައްޔިތުން ނުރުހޭ ކަމަށްވާނަމަ ދައުރު މެދުން ވިޔަސް އިންތިހާބެއް ބޭއްވޭނެ ގޮތަށް ބިލުގައި ހިމަނަންވީ ރައްޔިތުންނަށް ބާރު ދޭން

- ފައިސަލްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އްޔިތުންގެ ފަރާތުން ކިތަންމެ ގިނަ އަދަދެއްގެ ރައްޔިތުން ކަމަކަށް ބޭނުންވި ނަމަވެސް އެ ކަމެއްގައި ރައްޔިތުން ދެކޭ ގޮތް ބެލޭނެ ގޮތެއް ބިލުގައި ނެތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ރައްޔިތުންނަށް ބާރު ދޭ ކަމަށް ވަންޏާ އެންމެ ފުރަތަމަ ރައްޔިތުން ބޭނުންވާ ކަމަކަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނެ ނިޒާމެއް ބިލުގައި ހިމަނަން ޖެހޭކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް މިފަދައިން ވިދާޅުވެފައިވާއިރު، ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް 9 ކަމެއް ހިމަނާފައި އެވެ.

އެގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ކަންކަމުގެ ގޮތުގައި ހިމެނެނީ:

1) ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި

2) ގައުމީ މުހިންމު މައްސަލަތަކުގައި

3) ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް

4) ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ

5) ރިޔާސީ ދައުރު ކަނޑައެޅުމުގެ މާއްދާ

6) ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަޔާންކުރާ މާއްދާ

7) ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުމުގެ މާއްދާ

8) ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާ

9) ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށެވެ.

ބިލުގައި ވާގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހޭއިރު، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ އެވެ. އަދި އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް މި ގަރާރުތަކުން ކަނޑައެޅިދާނެ ކަމަށާއި، މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކުރުމުގެ ކުރިން ކަމަށް ވެސް ބިލުގައިވެ އެވެ.

ފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީއިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށާއި، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއި ރައީސް ސޮއިކޮށް ނެރޭ ގަރާރާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެމައްސަލައާ އެއްކޮޅަށް، ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހޭއިރު، އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން މި ބިލުގައި އީސީގެ މައްޗަށް ލާޒިމު ކުރެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved