ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޚްލާސްތެރިކަމެއް ހުރިނަމަ ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނަވާނީ މިނިވަންވެފައިކަމަށް، ރައީސް ޔާމީންގެ ތާއީދާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޝަހުބާދު ވިދާޅުވެއްޖެއެވެ.
ދަ ފްރޮންޓު އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހުބާދު ވިދާޅުވީ، ފައިސާ އާ ނުފޫޒަށް ހެއްލުމަކީ އިންސާނީ ތަބީއަތުކަމުގައިވީ ނަމަވެސް އޭނާގެ ތަބީއަތަކީ އިހްލާސްތެރިކަމާ އެކު މަސައްކަތްކުރުން ކަމަށާ އެހެންކަމުން ނިމިދިޔަ ފަސް އަހަރުވެސް ރައީސް ޔާމީން ފަހަތުގައި ހުންނެވީ އެހެންވެ ކަމަށާ ސިޔާސީ މަސްރަހަށް އައިސްފައިވާ ޖޫން ޖުލައި ގަދަ ވިއްސާރައިގައި އޭނާ ރައީސް ޔާމީންގެ ފަހަތަށް އެރީ، އެމަނިކުފާނުގެ އިގްތިސޯދީ ސިޔާސަތުގެ ހަރުދަނާކަމުން އެފަދަ ސިޔާސަތަކަސް ގައުމު މިއަދު ބޭނުން ޖެހިފައި ވާތީކަމަށެވެ.
ރައީސް ޔާމީންއަށް ކުރަމުންދާ ނުހައްގު އަނިޔާތަކަކީ އެއީ އެމަނިކުފާނަށް ހައްގު އަދަބެއް ނޫން ކަމަށާ އެމަނިކުފާނުގެ ނަން ބޭނުންކޮށްގެން އައި ސަރުކާރެއްގައިވެސް އެމަނިކުފާނު ނުހައްގުން ބަންދުގައި ބަަހއްޓައިގެން އުޅެނީ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށް ޝަހުބާދު ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންކުރަންވީ ވައުދު އޮތީ އަދިވެސް އަތް ނުލާ. ކަމެއް ހާސިލްކުރަންވީމާ އެމަނިކުފާނު ނަގާ ކުރި ބޯއްޓަށް ލީ. ނަމަވެސް ބޭނުން ފުދުނީމަ ހަނދާން ނެތިއްޖެ. ރައީސް މުއިއްޒުގެ ކިރިޔާވެސް އިހްލާސްތެރިކަމެއް ކަމެއް ހުރި ނަމަ މިހާރު ރައީސް ޔާމީން ހުންނަވާނީ މިިނިވަނެއްގެ ގޮތުގައި.
ޝަހުބާދު ވިދާޅުވީ މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ.