

އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް މުހައްމަދު މުއިއްޒު މަގާމުން ދުރަށް ޖެހިލުން ކަމުގައި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމުމަށް ފަހު، އެކަން ނުކުރުމަށް އިއްޔެ ހައުސިން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒު ވިދާޅުވީ، ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީއޭ" ރައްޔިތުން ބުނާނެ ކަމަށާ ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ކަންކަން މިހާ ހިސާބަށް ދިއުމުން "ތިމަންނާމެންނަށް މިކަން ވާނެބާއޭ" ސަރުކާރުގެ ވެރިން އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އަދި އެއަށް ފަހު ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލުކޮށްލާ އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް ކަމަށް ފައްޔާޒުގެ ޕޯސްޓު ނިންމާލަމުން ލިޔުއްވާފައިވެއެވެ.
މި ޕޯސްޓުގައި މަގާމުން ދުރަށް ދާން ޖެހޭ މީހެއްގެ ނަން ވަކިން ބަޔާންކޮށްފައި ނެތް ނަމަވެސް ބައެއް އޮންލައިން ނޫސްތަކުގައި ފައްޔާޒުއާ ހަވާލާދީ ބުނެފައިވަނީ އެއީ ރައީސް މުއިއްޒުގެ ވާހަކަ ކަމަށެވެ.