

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވި އިންގިލާބީ ތަރައްގީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ހުޅުވަން ވަގުތު ކުޑަތަން ވެފަަިއވާއިރު، އެކަމަށްފަންޑު ކުރި ސައުދީ އަރަބިއްޔާ އާއި އިސްލާމީ ގައުމުތަކަށް އިސްލާމިކު މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ޝޫކުރު އަދާކުރައްވައިފިއެވެ.
ތަނުގެ އަސްލު ކްރެޑިޓް ދީ، ޝުކުރު އަދާކުރަންވީ ކޮން ރައީސަކަށް ކަމާ މެދު ބަހުސެއް އުފައްދާފައިވަނިކޮށް، ޑރ ޝަހީމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އާއި ދިވެހި ރައްޔިތުންގެ މުސްތަގްބަލަށްޓަކައި އެއާޕޯޓް ހަދަން ފަންޑު ކުރި ސައުދީ އަރަބިއްޔާ އާއި އިސްލާމީ ގައުމުތަކަށް ޝުކުރު ހައްގު ކަމަށެވެ.
ރާއްޖޭގައި އެއާޕޯޓެއް އެޅީއްސުރެއް، މިއަދާ ހަމައަށް އެތަން ތަރައްގީ ކުރުމަށް ފަންޑުކޮށްފައިވަނީ އިސްލާމީ، އަރަބި ގައުމުތަކުންކަން ފާހަގަކުރައްވާ ޑރ ޝަހީމު ވިދާޅުވީ، ހާއްސަކޮށް، ސައުދީ ފަންޑުން ބޮޑު ހަރަދެއް ކުރި ކަމަށެވެ. އަދި އެއީ ތާރީހަށްޓަކައި ލިޔުން ހައްގު ވާހަކަތަކެއް ކަމަށް ވެސް ޑރ ޝަހީމު ވިދާޅުވިއެވެ.
މީގެއިތުރުން ފުރަތަމަ ބަޖެޓް ކުރިވަރުން ނުވެގެން، އިތުރަށް ވެސް 1 ބިލިއަން ރުފިޔާ އެ ގައުމުތަކުން ހަމަޖައްސައިދިން ކަންވެސް ޑރ ޝަހީމުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
އެއާޕޯޓުގެ އާ ޓާމިނަލގެް އަމަލީ މަސައްކަތް ހަވާލު ކުރީ ސައުދީގެ ބިން ލާދިން ގުރޫޕާއެެވެ. އެއީ މައްކާގެ ހަރަމްފުޅު ވެސް ބިނާކުރި ގުރޫޕު ކަމަށް ވެއެވެ.
ސައުދީ ބިންލާދިން ގުރޫޕުން ސަބް ކޮންޓްރެކްޓް އުސޫލުން، ޓާމިނަލް މަސައްކަތް ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖް ހެދި ޗައިނާ ކޮމިޔުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ އެއް ކަމަށްވާ، ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާއެވެ.
މި ގާތްގަނޑަކަށް 430 މިލިއަން ޑޮލަރު، (6.6 ބިލިއަން ރުފިޔާ) ހަރަދުވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަގުބޮޑު މަޝްރޫއެވެ.