

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ލެގަސީކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
2022 ވަނަ އަހަރުގެ ތެރޭގައި ވެލާނާ އެއާޕޯޓުގެ ތަރައްގީ ދައްކުވައިދިނުމުގެ ގޮތުން އައު ޓާމިނަލްގެ ފޮޓޯތަކެއް ހިއްސާކޮށް މީސް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއް ހިއްސާ ކުރައްވާ ރައީސް މުއިއްޒު އޭރު ވަނީ އެއީ ރައީސް ޔާމީންގެ ލެގަސީ ކަމަށާ އެއިން ދައްކުވައިދެނީ ވިޝަނަރީ ލީޑަރެއްގެ ދުރު ވިސްނުންފުޅާ އެކު ގެނައި އިންގިލާބީ ތަރައްގީގެ ކުރިއެރުންކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
މިއީ މީގެ 4 އަހަރު ކުރިން ރައީސް މުއިއްޒު ވިދާޅުވި ބަސްފުޅަކަށްވާއިރު އޭގެ ހަތަރު އަހަރު ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި އެ މަޝްރޫއުގެ ކުޑަ މިންވަރެއް އެމަނިކުފާނުގެ ގޮނޑިއާ ފޮޓޯ ދައްކައިގެން އައި ސަރުކާރުގައި ހުޅުވަން ތައްޔާރުވަމުން ދާއިރު އެ މަޝްރޫއުގެ ކްރެޑިޓު ރައީސް މުއިއްޒު ނެގުމަށް މަސައްކަތްކުރަމުން ދާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ސަރުކާރުގެ ބޮޓުން ގެންދަނީ ވީއައިއޭގެ ތަރައްގީއަކީ ރައީސް މުއިއްޒު ފައްޓަވާ ނިންމަވާ ޕްރޮޖެކްޓެއްގެ ގޮތުގައި މެޑަލް ޖަހަން މަސައްކަތްކުރަމުންނެވެ.
ވީއައިއޭގެ ޕްރޮޖެކްޓަކީ ރާއްޖޭގެ ތަރައްޤީއަށް މިހާތަނަށް ހިންގި މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރަކުން ހިންގި އެންމެ ބިޔަ ބޮޑު ޕްރޮޖެކްޓެކެވެ.
އައު ޕަސެންޖަރ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 430 މިލިއަން ޑޮލަރު، (6.6 ބިލިއަން ރުފިޔާ) ހަރަދުވިއެވެ. އައު ޕަސެންޖަރ ޓާމިނަލް އަކީ ހަތްދިހަ އަށް ހާސް ސްކޮޔާ މީޓަރ ބޮޑު، ސާޅީސް ޑިޕާޗަރ ގޭޓާއެކު ތިރީސް އަށް އިމިގްރޭޝަން ކައުންޓަރ ހިމެނޭ ގޮަތަށް ފަރުމާ ކުރެވި ޒަމާނީ ފެންވަރަށް ހަދާ ހިޔާކޮށްފައިވާ ބާރަ ޖެޓީ ހިމެނޭ ޓާމިނަލެކެވެ. މި ޓާމިނަލްގައި ޒަމާނީ ބެގެޖް ސްރީނިން އަދި ބެގެޖް ސާވިސް ބެލްތަކާއި އެކްސްޕްލޯސިވް ޑިޓެކްޓިވް ސިސްޓަމެއްގެ އިތުރުން ފިއުލް ހައިޑްރެންޑް ސިސްޓަމެއް ވެސް ހުންނާނެއެވެ.