

ގައުމުގައި އަނެއްކާވެސް ރައްޔިތުން ގަރުދިޔައާ ބަތްކާން ޖެހޭ ފަދަ ހާލަތެއް ބައްދަލުކުރިތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ މަޖާޒީ ސުވާލެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވިހިރުފިޔާއަށް އުފުލިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވިހިރުފިޔާއަށް އުފުލުނީ މަރުކަޒީ ބޭންކު، އެމްއެމްއޭގައި މިވަގުތު ހުންނެވި ގަވަރުނަރު، އަހްމަދު މުނައްވަރުގެ ނާގާބިލްކަމުން ކަމަށާ އޭގެ ސަބަބުން އިގްތިސޯދަށާއި، ކޮންޒިއުމާ މާކެޓު ކަމަށްވާ، އާންމު ފަރުދުން މުދަލާއި ހިދުމަތުން ކުރާ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރަމުން އަންނަ ކަމަށެވެ.
ހަމައެހެންމެ ރާއްޖޭގެ ބޭރުގެ ދަރަނި ހުރި މިންވަރާއެކު، މި އަހަރު ދަރަންޏަށް 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމާއި އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭކަން ފާހަގަކުރައްވައި ވެސް ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.
ޑޮލަރުގެ އަގު 20 ރުފިޔާއަށް ބޮޑުވުމަކީ މުނައްވަރުގެ ނާގާބިލްކަމާއި، ބޭރު ފައިސާއާ ގުޅޭގޮތުން އެމްއެމްއޭއިން އެކުލަވައިލައިފައިވާ ސިޔާސަތުތަކުން މާ ބޮޑު ހެޔޮ އަސަރެއް ނުކުރާކަން ހާމަވާ ކަމެއް ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން "ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ" ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ ވިދާޅުވި ވާހަކަ ހަނދާނަށް ގެންނަވައި ރައީސް ޔާމީންގެ ޕޯސްޓު ނިންމަވާ ލައްވާފައިވަނީ އަނެއްކާ ވެސް އެ ހާލަތު ބައްދަލުކުރީތޯ އައްސަވައި، ސުވާލު އުފައްދަވަމުންނެވެ.
Intl debt servicing this yr is in excess of $500m, nxt yr in excess of $1.2bln. $ parallel mkt at rf 20 n let on a free fall wreaking havoc in de consumer mkt while de Governor lost his battle for a chaperone. Garudhiya time revisited Ali Arif?
— Abdulla Yameen (@prz_ymn) July 11, 2025
ރައީސް ޔާމީން މިފަދައިން ވިދާޅުވެ ގައުމުގެ ދަރަންޏާ މެދުއާ އަދި އިގްތިސޯދީ ހާލަތާ މެދުވެސް ކަންބޮޑުުވުން ފާޅުކުރައްވާފައިވާއިރު، ޟިގެ ކުރިންވެސް އެކި ފަހަރު މަތިން ޕިއެންއެފްގެ ޖަލްސާތަކުގައިވެސް އެމަނިކުފާނު އިގްތިސޯދީ ހާލަތާ ގުޅިގެންނާ ދަރަނީގެ އިތުރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އެގޮތުން މި ސަރުކާރުން އެކުލަވާލި ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ފާޑު ވިދާޅުވެ އެމަނިކުފާނު ވަނީ ރިސޯޓުތަކާއި ގެސްޓު ހައުސް ތަކުން، ބޭންކްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވައި، އެކުލަވައިލި ގަވާއިދާ އެކު ބޭންކްތަކަށް މާރު ކުރާ ޑޮލަރު އިތުރުވި ނަމަވެސް އާންމުންނަށް އެ ގަންނަން ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ އެ ޑޮލަރު ގަންނަން ނުލިބޭތީ އަދިވެސް ރައްޔިތުންނަށް ޑޮލަރު ހޯދަން ލުއެއް ނުލިބޭ ކަމަށެވެ.