

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ ގިނަ މަސައްކަތްތައް ކުރިގެ ވެރިން ހުރީ ހަވާލުނުކޮށް ކަމަށް ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު އަނެއްކާވެސް ބޮޑު އިތުރުފުޅެއް ހައްދަވައިފިއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ އައު އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އައު ޓާމިނަލް މަޝްރޫއުގެ ސްކޯޕު އޮތީ ސިމެންތި ފިނިޝިން އެއްގައި އެތަން ނިންމުން ކަމަށާއި، ކޮންމެހެން ބޭނުންވާ ގިނަ ކަންކަން ކުރުމުގެ ޕްލޭނެއް ވެސް ނެތް ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި ވެރިކަން ފެށުނު އިރު ނިމިފައި އޮތީ ހަމައެކަނި ޓާމިނަލް އިމާރާތުގެ 53 އިންސައްތަ ކަމަށެވެ.
މި އަހަރުގެ މިނިވަން ދުވަހު ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ފަސިންޖަރުންގެ ޓާމިނަލުގެ ގިނަ މަސައްކަތްތައް ކުރީ ސަރުކާރުން ހަވާލު ނުކޮށް ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވިއިރު ވީއައިއޭ ޓާމިނަލްގެ ހުރިހާ "ކްރިޓިކަލް" މަސައްކަތްތައް ހުންނާނީ ހަވާލުކޮށްފައި ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ ވިދާޅުވެފައެވެ.
އަމީރު ފާހަގަ ކުރެއްވި ގޮތުގައި، މުހިންމު ހުރިހާ މަސައްކަތެއްގެ 71 އިން ސައްތަ ވެރިކަން ބަދަލުވި އިރު ވަނީ ނިމިފައެވެ.
ކޮންކްރީޓް %100 ނިމިފައި
ސްޓީލް ސްޓްރަކްޗަރ %97 ނިމިފައި
ބްލޮކް ވޯލް %60 ނިމިފައި
ފަސާޑް %89 ނިމިފައި
ރޫފް %100 ނިމިފައި
އެމް.އީ.ޕީ %45 ނިމިފައި
އައި.ސީ.ޓީ އަދި އީ.އެލް.ވީ %32 ނިމިފައި
އެޗް.ވީ.ޓީ.އެސް %90 ނިމިފައި
އޭ.ވީ.ޑީ.ޖީ.އެސް %97 ނިމިފައި
ޕީ.ބީ.ބީ %99 ނިމިފައި
"މަނިކުފާނު އައިސް އަލަށް ހަވާލު ކުރަން ޖެހޭ ކަމެއް ނޯންނާނެ." އަމީރު ވިދާޅުވިއެވެ. އަދި އަމީރު ކުރެއްވި ޕޯސްޓުގައި ވަނީ ޕްރޮޖެކްޓް ޓައިމްލައިން 2023 ވަނަ އަހަރު ނިމުނުއިރުވެސް ހުރި ގޮތް ދައްކުވައިދޭ ޑޮކިއުމެންޓެއް ވެސް އެޓޭޗް ކުރައްވާފައެވެ.
ރައީސް މުއިއްޒުއާ އަމީރުއާ ދެމެދު ބަހުސެއް ހިނގާފައިވާއިރު އައު ޓާމިނަލްގެ ބާނީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި، ޓާމިނަލް މަސައްކަތުގައި ޓާމިނަލް ޓެންޑާކުރުމާއި ބަޔަކާ ހަވާލުކުރުމާއި ދެން ފަހުން މަސައްކަތްކުރުމުގެ ބޮޑުބައި ކުރަން ޖެހުނީ ރައީސް ސޯލިހުގެ ސަރުކާރަށް ކަމަށާއި، އާ ޓާމިނަލުގެ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން ކުރާ މަސައްކަތަށް ބަލާއިރު އޭގައި ރައީސް މުއިއްޒުގެ 10 ޕަސެންޓް ހިއްސާ ވެސް ނޯންނާނެ ކަމަށެވެ. އަދި އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.