

މި ދުވަސްވަރުގައި ކަނޑުތައް އާދަޔާ ޚިލާފަށް ގަދަކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.
ކުރިއަށް އޮތް ތިން ވަރަކަށް ދުވަހަކީ ރާއްޖެ ސަރަހައްދަށް މޫސުން ވަރަށް ގޯސް ދުވަސްތަކެއްގެ ގޮތުގައި މޫސުމާ ބެހޭ ގައުމި އިދާރާއިން ލަފާކުރާއިރު، ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށާއި މުޅިރާއްޖެއަށް ވިއްސާރަވެ، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ ރޭގަނޑުގެ ވަގުތުތަކުގައި ކަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަން ނުދޭ ނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މެޓް އިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް އެއްގޮަތަކަށްވެސް ދަތުރު ނުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައިއެވެ.