
މުއިއްޒުގެ ހޮޅި ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ހަލާކުވެއްޖެ ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރުފިޔާ އިން މުސާރައިގެ ބައެއް ދިނުމާއި ދެކޮޅަށް ޓީއެމްއޭގެ މުވައްޒަފުން ތެދުވުމާއި ގުޅިގެން މަލީހް އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގައި ޓީއެމްއޭގެ މުވައްޒަފުން މުޒާހަރާ ކުރުމަށް ދިމްޔާތު ކުރިމައްޗަށް ދާން ޖެހޭ ހިސާބަށް ކަންތަައްތައް މުއިއްޒު ގެންދަވާ ކަމަށް މަލީހް ސިފަކުރައްވާފައިވެއެވެ.
ޓީއެމްއޭގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ޖެހޭ ގޮތަށް މުސާރައިގެ އޮނިގަނޑު ސަރުކާރުން ވަނީ ބަދަލުކުރަން ނިންމާފައެވެ. މިކަމާއި ގުޅިގެން ޓީއެމްއޭގެ މުވައްޒަފުން އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
މީގެ އިތުރުން، މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްވެސް މަލީހް ވަނީ ފާޑުވިދާޅުވެފައެވެ. މިގޮތުން މިއީ މިލިއަނުން ފައިސާ ބޭކާރު ކުރެވިގެން ދިޔަ ދަތުރެއް ކަމަށާއި އެއްވެސް އިންވެސްޓްމަންޓްއެއް މި ދަތުރުގެ ތެރޭގައި މުއިއްޒަށް ކަށަވަރުނުކުރެވުނު ކަމަށެވެ.
05 އަހަރު ދުވަހުގެ ވެރިކަމާއި މުއިއްޒު ހަވާލުވީ އެއްވެސް ވަރަކަށް ދުރު ރާސްތާ ޕްލޭން އަކާއެކު ނޫން ކަމަށް ވަރަށް ބޮޑަށް ސާފު ކަމަށްވެސް މަލީހް ސިފަކުރައްވާފައިވެއެވެ.










